ކްރިސްޓިއާނޯ ރޮނާލްޑޯ

އެމެރިކާ ލީގަށްވުރެ ސައުދީ ލީގު ވަރުގަދަ، ޔޫރަޕްގެ ފުޓުބޯޅަވެސް ދަށް: ރޮނާލްޑޯ

މުޙައްމަދު ޝަމްޢޫން

ޔޫރަޕްގެ ފުޓުބޯޅައަށް އެނބުރި ދިޔުމުގެ ހިޔާލެއް މިހާރު ނެތް ކަމަށާއި، ޔޫރަޕްގެ ފުޓުބޯޅައިގެ ފެންވަރު ދަނީ ވެއްޓެމުން ކަމަށް ޕޯޗުގަލްގެ އިތުރުން ސައުދީ ލީގުގެ އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި، ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސްއަށް ކުޅެފައިވާ ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވީ އެންމެފަހުން ކުޅުނު ޔޫރަޕްގެ ޓީމު ކަމަށްވާ ޔުނައިޓެޑާ މައްސަލަ ޖެހިގެންނެވެ. މިދިޔަ އަހަރުގެ ފަހު ކޮޅުގައި ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވެ، މިހާތަނަށް ކުޅުނު 16 މެޗުގައި 14 ގޯލު ޖަހާފައިވާ އިރު، ސައުދީ ލީގު މިހާރު ވެފައި ވަނީ ބޮޑެތި ޓްރާންސްފާތަކުގެ ހަބަކަށެވެ.

ބޮޑެތި މުސާރަތަކުގައި ސައުދީ ލީގަށް ކުޅުންތެރިން ދަނީ ގެންދަމުންނެވެ. ހާއްސަކޮށް މި ޓްރާންސްފާ ސީޒަނުގައި ޔޫރަޕްގެ ވަރުގަދަ ކްލަބުތަކަށް ކުޅެމުންދިޔަ ކުޅުންތެރިންވެސް ސައުދީ ލީގަށް ވަނީ ބަދަލުވެފައެވެ. އޭގެ ތެރޭގައި އެންމެފަހުން ބެލޮންޑިއޯ ހޯދި ކަރިމް ބެންޒެމާ ހިމެނެއެވެ. ގިނަ ކުޅުންތެރިންތަކެއް ސައުދީ ލީގަށް ބޮޑެތި މުސާރަތަކެއްގައި ދާ ނަމަވެސް، ރޮނާލްޑޯގެ އެންމެ ވަރުގަދަ ވާދަވެރިޔާ ލިއޮނަލް މެސީ ނިންމާފައި ވަނީ ސައުދީއަށް ނޫނެކޭ ބުނެ، އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ދިޔުމަށެވެ.

"އަހަރެން ޔޫރަޕަށް ދިޔުމުގެ ދޮރު ވަނީ އެއްކޮށް ބަންދުވެފައި. އަހަންނަށް މިހާރު 38 އަހަރު، އަދި ޔޫރަޕްގެ ފުޓުބޯޅައިގެ ފެންވަރުވެސް މިހާރު ވަނީ ދަށް ވެފައި. ހަމައެކަނި އެކަށޭނެ ފެންވަރުގެ ލީގަކީ ޕްރިމިއާ ލީގު. އިނގިރޭސި ޕްރިމިއާ ލީގު އޮތީ މާ ބޮޑަށްވެސް ކުރީގައި،" ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ މެސީގެ ޓްރާންސްފާއަށް ބަހަކުން ޖަހަމުން ބުނީ އެމެރިކާ ލީގުގެ ފެންވަރު ސައުދީ ލީގަށްވުރެ ދަށް ވާނެ ކަމަށާއި، ސައުދީ ލީގުގެ ފެންވަރު އޭނާއާއެކުވެސް ބޮޑުތަނުން މައްޗަށް ޖެހެމުން އަންނަ ކަމަށެވެ.

"ސައުދީ ލީގަކީ އެމެރިކާ ލީގަށްވުރެ ފެންވަރު ރަނގަޅު ލީގެއް. އަހަރެން ސައުދީއަށް އައުމާއެކު އެ ހުޅުވުނީ ފުރުސަތުގެ ދޮރެއް. މިހާރު ހުރިހާ ކުޅުންތެރިންވެސް މި އަންނަނީ ސައުދީ ލީގަށް. އަހަރެން ސައުދީއަށް އަންނަ ނިންމީވެސް މި ލީގަށް ގިނަ ކުޅުންތެރިންތަކެއް ގެންނަން. އަހަރެން ޔުވެންޓަސްއާ ގުޅުނުއިރު ސެރެއާ އޭވެސް އޮތީ މަރުވެފައި. އެކަމަކު އަހަރެން ގުޅުމާއެކު އެ ލީގަށް ދިރުން ލިބުނު. އެއީ އަހަރެން ދިޔައީމަ އަންނަ ތަފާތު،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ސައުދީ ލީގަށް އޭނާ ގޮސްގެން ބަޔަކު ފާޑު ކީ ނަމަވެސް، އެހެން ހުރިހާ ކުޅުންތެރިން އެ ލީގާ ގުޅި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތުރުކީ ލީގާއި ޑަޗް ލީގުވެސް ސައުދީ ލީގު ފަހަތަށް ވެއްޓޭނެ ކަމަށެވެ.