މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު، ވެންޓިލޭޓަރުން ނަގައިފިއެވެ.

އެކްސިޑެންޓުވި ދުވަހުން ފެށިގެން ހަފީޒަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިމަހުގެ ހަތަރުވަނަ ދުވަހު އޭނާ ވަނީ އިންޑިއާގެ ކޮޗިންއަށް ފުރުވާލައިފައެވެ.

ހަފީޒުގެ އާއިލާ މީހަކު "ވަން" އަށް މިރޭ ބުނީ ގިނަ ދުވަސްތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އެޗްޑީޔޫގައިކަމަށް ބުންޏެވެ. އޭނާގެ ހާލު ކުރިއާ އަޅައބަލާ އިރު، މިހާރު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ހަފީޒު އެކްސިޑެންޓުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މިއަދު ވަނީ ހަފީޒު ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން އިއުލާންކޮށްފައެވެ. ފުލުހުން އެ މީހުން ހޯދަނީ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފު ކުރުމަށެވެ.

ހަފީޒު ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ ފުލުހުން ވަނީ މިމަހުގެ ތިންވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް މިމަހުގެ ހަތަރުވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކޫރު (22އ)އެވެ. ފުލުހުން ޝަމްއާންގެ މައްޗަށް ކުރަނީ އެކްސިޑެންޓުގެ ތުހުމަތެވެ.

ޝަމްއާންގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހަފީޒަށް އަނިޔާވިކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށާއި ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށެވެ.

"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރުމުން، ސައިކަލް އަންނަ ތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން، ސައިކަލުގައި އަނިޔާ ލިބުނު ފަރާތް ގޮސް ލައިގަނެގެން އެކްސިޑެންޓުވީ،" ވަކީލު ވިދާޅުވެފައިވެއެވެ.

އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވެފައިވަނީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި އޭނާ ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި ބާރު ސްޕީޑުގައި ސައިކަލް ދުއްވިކަމަށް ޝަމްއާން އިއުތިރާފުވެފައިވާ ކަމަށް އޮފިސަރު ވިދާޅުވެފައިވެއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލައިދިނުމަށް ޝަމްއާންގެ ފަރާތުން އެދިފައިވީ ނަމަވެސް، އިންވެސްޓިގޭޝަން އޮފިސަރު އެދުނީ ޝަމްއާންގެ ބަންދު އިތުރުކޮށް ދިނުމަށެވެ. ޝަމްއާނަކީ ބަންދު ލޮގް އަދި މީގެ ކުރިން އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ބަންދުކުރަން ކުރި އަމުރުގައި ބުނެފައިވަނީ ޝަމްއާން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ. އަދި ދެ ފަރާތުން ދެއްކި ވާހަކައަށް ބަލާއިރު ޝަމްއޫންގެ މައްޗަށް ކުރާ ތުހުމަތު ވުޖޫދުވުމުގެ ފުރުސަތު އޮތުމުންނެވެ.