ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި އިމާރާތްކުރާ 'ދަ ގާޑަންސް' އެޕާޓްމެންޓްތަކުގެ މަސައްކަތް ނިންމުމަށް ދިން ހުރިހާ މުއްދަތެއް ފަހަނައަޅައި ދިޔައިރުވެސް އެ މަސައްކަތް ނިންމާފައި ނުވާތީ އެ މަޝްރޫއު ނިންމުމުގެ މަސައްކަތާ އާބަންކޯ އިން ހަވާލުވެއްޖެއެވެ.
ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް 2017 ވަނަ އަހަރު ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ ހައުސިން މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ނިންމަން ދިނީ ދެ އަހަރެވެ. ނަމަވެސް މަޝްރޫއު ނުނިމި ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ޖާހު މެދުވެރިކޮށް އެ ތަނުން އެޕާންޓްމަންޓުތައް ގަތް ފަރާތްތަކުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި މަޝްރޫއުގެ މަސައްކަތްކުރުމަށް ގެނެސްފައި ތިބި ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ، އެ މުވައްޒަފުންގެ ޕާސްޕޯޓުތައް ހިފެހެއްޓުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ޖާހުން މީގެ ކުރިން ބުނެފައިވާ ގޮތުން އެ މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވީ ކޮވިޑް-19ގެ ސަބަބުން މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމަށް ދިމާވި ދަތިތަކާ ހެދިއެވެ. އާބަންކޯ އިން ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދީގެންވެސް އެ މަސައްކަތް ނިއްމާލެވިފައި ނުވާ އިރު، އެންމެ ފަހުން މިދިޔަ ޖޫން މަހުގެ ތެރޭގައި އާބަންކޯ އިން ވަނީ އެޕާޓްމެންޓުތަކުގެ މަސައްކަތް ނިންމައި، ބިމުގެ އަގު ދެއްކުމަށް ޖާހު ކުންފުންޏަށް 30 ދުވަހުގެ ނޯޓިހެއް ދީފައެވެ. ނަމަވެސް އެ މުއްދަތުގައިވެސް އެ މަސައްކަތް ނިންމައިފައެއް ނުވެއެވެ.
ޖާހުގެ އެޕާޓްމަންޓުތަކުގެ މައްސަލައާ ގުޅޭގޮތުން އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ޑިވެލޮޕަރަށް ވެސް ގެއްލުން ނުވާނެހެން ޕަރޮޖެކްޓް އަވަހަށް ނިންމުން ކަމަށެވެ. އެހެންވެ ޖާހް ކުންފުނިން ފުލެޓުތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަށް މަސައްކަތް ނިންމަން އާބަންކޯއިން މަސައްކަތްކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ބުންޏެވެ.
އާބަންކޯ އިން ބުނީ އެ މަޝްރޫއުގެ 91 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ހުރީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ވާއިރު އެކަމަށް ބޭނުންވާ ސާމާނުވެސް ޖާހު ކުންފުނިން ގެނެސްފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތް އެ ވަރަށް ނިމިފައިވާ އިރު، ޑިވެލޮޕަރު ބަދަލުކޮށް އައު ޑިވެލޮޕަރެއް ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށާއި އެހެންވެ އާބަންކޯ އާއި ޖާހު ކުންފުނި އަދި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތްތައް ކުރިއަށްގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ދެން މި މަޝްރޫއު ލީޑްކޮށް މެނޭޖުކޮށް ބަލަހައްޓާނީ އާބަންކޯ އިންނެވެ. އަދި އެޕާޓްމަންޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރާނީ ޖާހް ކުންފުނިންނެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ މުއާމަލާތްތައް ބަލައި ދެ ފަރާތަށްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު