ހުޅުމާލޭގެ ފަސް ސަރަހައްދެއްގައި ލަގްޒަރީ ރެސިޑެންޝަލް ފްލެޓު ހަދައި ވިއްކާނެ ބަޔަކު ހޯދުމަށް އާބަންކޯއިން އިއްޔެ އިއުލާނުކޮށްފި އެވެ.

އާބަންކޯއިން ކޮށްފައިވާ އިއުލާނުގައި ވާ ގޮތުން މި ލަގްޒަރީ ރެސިޑެންޝަލް ފްލެޓުތައް ހަދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. އެ ބިންތަކުގައި ލަގްޒަރީ ރެސިޑެންޝަލް ފްލެޓުތައް ހަދައި އެ ފްލެޓުތައް ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 17 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ނިންމާފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމަކާއި ދިރާގު ހުޅުމާލެ އޮފީސް ކުރިމަތީގައި އޮންނަ ތިން ބިމެއްގައެވެ. އޭގެ ތެރެއިން ދިރާގު ކުރިމަތިން ފްލެޓް އިމާރާތް ކުރަން ދޫކުރަން އިއުލާނުކުރި ބިންތަކަކީ ކުރިން ވިލާ ކުންފުންޏަށް ވިއްކި ބިމެވެ. ފްލެޓު ހެދުމަށް ވިލާ ކުންފުންޏަށް ދީފައި އޮތް 90،000 އަކަފޫޓުގެ އެ ބިމުގެ ބަދަލުގައި އެ ކުންފުންޏަށް ތިލަފުށިން ޖުމުލަ 549،905 ދެ ބިމެއް އާބަންކޯ އިން މިފަހުން ވަނީ ދީފަ އެވެ.

އާބަންކޯއިން އިއުލާނުކޮށްފައިވާ ގޮތުން މި ބިންތަކުގައި ފްލެޓު ހަދަން ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ ހުށަހަޅަން ޖެހެ އެވެ. އެ ބިންތަކަކީ؛

  • ލޮޓް 10322 - 25،660 އަކަފޫޓުގެ ބިމެއް
  • ލޮޓް 11808 - 24،961 އަކަފޫޓުގެ ބިމެއް
  • ލޮޓް 11809 - 24،652 އަކަފޫޓުގެ ބިމެއް
  • ލޮޓް 11828 - 20،727 އަކަފޫޓުގެ ބިމެއް
  • ލޮޓް 11829 - 23،229 އަކަފޫޓުގެ ބިމެއް

އާބަންކޯގެ އިއުލާނުގައިވާގޮތުން މި ބިންތަކުގައި 2+1 (1،000 އަކަފޫޓް) އާއި 3+1 (1،300 އަކަފޫޓް) ކޮޓަރީގެ އެޕާޓްމަންޓްތައް ހަދަންޖެހޭނެ އެވެ. އެއިން ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމަކާއި ބަދިގެ/ކާގެ އަކާއި ލޯންޑަރީ އަދި ބެލްކަންޏެއް ވެސް ހުންނަން ޖެހެ އެވެ.

ހުޅުމާލެ ތަރައްގީކުުރުމުގެ މާސްޓާ ޕްލޭންގެ ދަށުން އާބަންކޯ އިން މިހާރުވެސް ދަނީ އަމިއްލަ ކުންފުނި ތަކާއި ހަވާލުކޮށްގެން ރެސިޑެންޝަލް ފްލެޓުތައް ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.