ވ. ކެޔޮދޫން ޢަލީ ޔާމީން ( ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ގުޅިގެން މަސައްކަތްކުރަމުން އަންނަ، އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ކޯލިޝަނަކީ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކޮށްދޭނެ ކޯލިޝަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މި އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ހިނގާ ވެރިކަމުގެ ދައުރުގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ވަރުގެ ރަނގަޅު މަސައްކަތެއް ރައްޔިތުންނަށް ކޮށްދެވިފައިވާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން ވައުދުވެވަޑައިގެންނެވި 90 ޕަސަންޓަށް ވުރެ ގިނަ މަސައްކަތް ނިމި ހިނގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މިކަން އަޅުގަނޑުމެންނަށް މި ހާސިލުވީ ހަމަޖެހުމާއި އަމާންކަމުގެ ސަބަބުން. ގިނަބަޔަކު އެކުވެ ސަރުކާރެއް އެކުލަވައިލެވުމުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަފާތު ހިޔާލުތަކުގެ މީހުންނާއެކު މަސައްކަތްކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގެ ވެރިކަމަށް އާދެވޭނީ ކޯލިޝަނަކާ އެކުގައި ކަމަށެވެ. އެގޮތުން 2018 ގައި ހެދި ކޯލިޝަން އަދިވެސް ދެމިއޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެހާސް އަށާރަވަނަ އަހަރު އެމްޑީޕީއާއެކު ކޯލިޝަން ހެދީ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމުންނެވެ. އެ ހުރިހާ ޕާޓީތައްވެސް ސަރުކާރުގައި ދެމިއެބަ ތިއްބެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސާއެކުގައި ކޯލިޝަން ހެދީ އޮތީ އަދާލަތުން އެކަންޏެވެ. ޖޭޕީން ވަކިން ވާދަކުރަން ނިންމާފައިވާއިރު އެމްއާރްއެމުން ވަކި ގޮތެއް އަދި ނުނިންމައެވެ.
"އިރާދަކުރެއްވިއްޔާ މިހާރު އުފެދިފައި މިއޮތް ކޯލިޝަން، އެމްޑީއޭއާއި އަދާލަތު ޕާޓީއާއި އެމްޑީޕީއާއެކު އުފެދިފައި މިއޮތް ކޯލިޝަނަކީ ރައްޔިތުން، ރާއްޖޭގެ އަގުލަބިއްޔަތު ބޭނުންވާނެ ގޮތަށް ހިންގާނެ ސަރުކާރެއް އުފައްދާނެ ކޯލިޝަނެއް" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްގައި ވަކިބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރަން ވެއްޖެނަމަ ހަމަޖެހުމާއި އަމާންކަން ގެއްލިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު