އަސްލު ލިޔުއްވީ: مـــولانــا خــالــد سيف اللّـــه رحمــانـــــى
ތަރުޖަމާކުރީ: عــبــد اللّـــه فــاروق حســـن
****************
ޤައުމުގެ އެންމެބޮޑު އިންތިޚާބު ބޯމަތިވަނީއެވެ. އެހެންކަމުން އިންތިޚާބާއި ވޯޓުލުމާ ބެހޭގޮތުން އިސްލާމްދީން ދެކޭގޮތް ދެނެގަންނާން މަސައްކަތްކުރުމަކީވެސް އިސްލާމީ ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ. އެހެނީ، އިސްލާމްދީނަކީ އިންސާނީ ޙަޔާތުގެ ހުރިހައިކަމެއް އެދީނުގެ ދާއިރާގައި ހިމަނައިފައިވާ ޝާމިލު ދީނެކެވެ. ފުޅާ ދީނެކެވެ. އިންސާނުންގެ ޙަޔާތުގެ ކޮންމެ ދާއިރާއަކާ ބެހޭގޮތުންވެސް އެދީން އިންސާނުންނަށް މަގުދައްކައިދެއެވެ. ހިނގާންވީގޮތުގެ މަގުޗާޓެއް ކުރަހައިދެއެވެ.
ވޯޓާ ބެހޭގޮތުންވެސް އިސްލާމްދީނުގެ އުސޫލީ މަގުދެއްކުމުގެ އިރްޝާދު އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. މީހަކު އިންތިޚާބެއްގެ އުމީދާރަކަށް (ކެންޑިޑޭޓަކަށް) ވުމާއެކު އޭނާއަކީ މައިގަނޑުގޮތެއްގައި ދެކަމަކަށް ދަޢުވާކުރާ މީހެކެވެ. އެންމެފުރަތަމަ ކަމަކީ އެމީހެއްގެ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. ދެވަނަޔަށް ތިމާގެހުރި ކަމަށް އެކަށޭނަކަމާއި ޤާބިލުކަމެވެ. سيّــدنــا يــوسف عــلــيـــه الـسّــلام މިސުރު ސަރުކާރުގެ ކުރިމައްޗަށް އެކަލޭގެފާނު ވެރިކަމުގެ މަސްއޫލިއްޔަތު އުފުއްލަވަން ތައްޔާރަށް ހުންނެވި ވާހަކަފުޅު ހުށަހެޅުއްވިއިރު ވިދާޅުވެފައިވެއެވެ.
"އެކަލޭގެފާނު ވިދާޅުވިއެވެ! (މިސުރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން ތިމަންނާއީ (އެއަށް) ރައްކައުތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ." (يــوسف: 55)
އާދެ، ބިމުގެ ޚަޒާނާތައް ބަލަހައްޓައި ހިންގައިހެދުން އަޅުގަނޑާ ޙަވާލުކުރައްވާށެވެ. އަޅުގަނޑަކީ އެކަންތައް ބަލަހައްޓާން ދަންނަ މީހަކީމެވެ. ކަމެއް ބަލަހައްޓާން އެކަށީގެންވަނީ އެކަމެއް ރަނގަޅަށް ދަންނަ ތެދުވެރި އަމާނާތްތެރިޔެކެވެ. އެމީހަކީ އަމާނާތްތެރިކަމެއްނެތް ޚިޔާނާތްތެރިޔެއް ކަމުގައިވާނަމަ އެމީހަކަށް ކަމެއް ހިންގައި ބެލެހެއްޓޭނީ ކޮންގޮތަކަށްތޯއެވެ؟ يــوسف عــلــيـــه الـسّــلام އެކަލޭގެފާނު އެކަން ރަނގަޅަށް ދެނެވަޑައިގަންނަވާކަމަށް އިޝާރަތްކުރެއްވީ މީހަކަށް ތިމާ ޙަވާލުވާ ނުވަތަ މަޝްވަރާދޭ ކަމެއްގެ ޢިލްމު ލިބިފައިނުވާ ކަމުގައިވާނަމަ އެމީހަކީ އެކަމަކަށް ކުފޫހަމަވާ މީހަކުކަމުގައި ނުވާނެތީއެވެ. އެހެންކަމުން އުމީދާރެއްގެގޮތުން ނުވަތަ ފުރަދާނެއްގެގޮތުން ތިމާގެ ނަފުސު ހުށަހެޅުމަކީ ތިމާއަކީ އަމާނާތްތެރި އަދި ޤާބިލު މީހެއްކަމުގައި ކުރާ ދަޢުވާއެކެވެ.
ވޯޓު ދިނުމަކީ ވޯޓުދޭ މީހާ އުމީދާރެއްގެ ދަޢުވާ ތެދުކޮށް އެކަމަށް ހެކިވުމެވެ. އުމީދާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އޭނާގެ ޤާބިލުކަމަށް ހެކިވުމެވެ. އެ މަޤާމަކަށް ނުވަތަ އެދާއިރާއަކަށް ކުރިމަތިލައިފައިވާ ފުރަދާނުން ނުވަތަ އުމީދާރުންކުރެ އެންމެ ތެދުވެރި އެންމެ އަމާނާތްތެރި އެންމެ ޤާބިލު މީހަކީ ތިމާ ވޯޓުދޭ އުމީދާރުކަމަށް ހެކިދިނުމެވެ. ތެދު ހެތްކަކީ އިންސާނާއަށް ދަރުމައާއި ސަވާބުލިބޭ ކަމެއްކަމުގައިވާ ފަދައިން ދޮގުހެކިދިނުމަކީ ހަމައެފަދަ ޢަޒާބާއި ޢުޤޫބާތްހުރި ކަމެކެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ ދޮގުހެކިދިނުމުގެ ނުބައިކަން ބަޔާންކުރައްވައި އެކަމުން ދުރުވުމަށް ވަރަށްބޮޑަށް އިންޒާރު ކުރައްވައި ބާރުއަޅުއްވައިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްރެޔަކު ފަތިސްނަމާދުން ނިމިވަޑައިގެން ޞަޙާބީންނާ ކުރިމަތިފުޅުލައްވަވައި ތިންފަހަރަށް ޙަދީޘުކުރެއްވިއެވެ.
"ދޮގުހެކިދިނުމަކީ މާތް اللّــــه އަށް ޝަރީކު ކުރުމާ އެއްވަރެއްގެ ކަމެކެވެ."
މިފަދައިން ތިންފަހަރު ޙަދީޘުކުރެއްވުމަށްފަހު ކީރިތި ޤުރްއާނުގެ الحـــجّ ސޫރަތުގެ 30 ވަނަ އާޔަތް ކިޔަވައި ވިދާޅުވިއެވެ.
"ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގުހެކިބަސް ބުނުމުން ދުރުހެލިވާށެވެ." (الحـــجّ: 30) (އަބޫދާއޫދު: 3559، އިބްނުމާޖާ: 2394)
އަރަހުށި މާތް اللّــــه މުއުމިނުންގެ ޚާއްޞަ ސިފަތަކުގެ ތެރޭގައިވަނީ މުއުމިނުންނަކީ ދޮގުހެކިނުދޭ ބަޔަކުކަމުގައި ވަޙީކުރައްވައިފައެވެ. (الــفــــرقــان: 72)
ކަންމިހެން ހުރިއިރު އުމީދާރަކީ ކަމާއެކަށޭނަ މީހެއް ނޫންކަން އެނގިހުރެ އޭނާއަށް ވޯޓުދިނުމަކީ ދޮގުހެކިދިނުމެވެ. ނުޙައްޤުން ތިމާގެ ބޮލުގައި ވަރަށްބޮޑު ފާފައެއް އަޅައިގަތުމެވެ.
ދޮގުހެކި ދިނުމަކީ ބޮޑުފާފައެއްކަމުގައި ވާފަދައިން ހެކިބަސްދޭންޖެހޭ ހިނދު ހެކިބަސް ނުދިނުމަކީވެސް ފާފައެކެވެ. އެއީ ހެކިބަސް ވަންހަނާކުރުމެވެ. ބޮޑު ފާފައެކެވެ. ކީރިތި ޤުރްއާނުގައިވަނީ ހެކިބަސް ވަންހަނާކުރުން ވަރަށްބޮޑަށް ކުށްވެރި ކުރައްވައިފައެވެ. އިރްޝާދު ދެއްވައިފައިވެއެވެ.
"އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އޭނާއީ އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. اللّــــه އީ ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (الــبـقــــــرة: 283)
ކަންމިހެން ހުރުމާއެކު މިހާރުގެ ޙާލަތުގައި ވޯޓުދިނުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ވާޖިބެކެވެ. އިންތިހާދަރަޖައިގެ ބޮޑު ޢުޒުރެއް މެދުވެރިވެގެން މެނުވީ ވޯޓު ނުދިނުމަކީ މާތް اللّــــه ގެ ޙަޟުރަތުން ވަރުގަދަ މުވާޚިޒާއަކާ ކުރިމަތިލާންޖެހުމުގެ އެކަށޭނަކަން އޮތްކަމެކެވެ. އަޅުގަނޑުމެންގެ ޤައުމުގެ ޤާނޫނުގައިވާގޮތުން އަންހެނުންނަށްވެސް ވަނީ ވޯޓުދިނުމުގެ ޙައްޤު ލިބިފައެވެ. އެހެންކަމުން ކަނބަލުންވެސް އެކަނބަލުންގެ ޖުމްހޫރީ ޙައްޤުގެ ބޭނުންކުރައްވާން ޖެހެއެވެ.
ބައެއްމީހުން ކޮންމެވެސް އުމީދާރެއްގެ އަތުން ފައިސާ އަތުލައިގެން ނުވަތަ އެނޫންވެސް މާއްދީ މަންފާއެއްގެ އެދުމުގައި އެމީހަކަށް ވޯޓު ދެއެވެ. ޝައްކެއްނެތެވެ. މިއީވެސް ފާފައެކެވެ. ޙަރާމް ކަމެކެވެ. އެހެނީ މީހެއްގެ އަތުން ފައިސާ އަތުލައިގެން ނުވަތަ އެހެންވެސް މަންފާއެއް އަދައިގެން އެމީހަކަށް ފައިދާވާގޮތަށް ހެކިދިނުމަކީ ފާފައެކެވެ. އެއީ ރިޝްވަތު ހިފުމެވެ. ރިޝްވަތު ހިފުމަކީވެސް ވަރަށްބޮޑު ފާފައެކެވެ. ވަރަށްބޮޑު މަޢުޞިޔަތެކެވެ. މިއީ އެއްވެސް މުސްލިމަކަށް އިތުރަށް ތަފްސީލުކޮށްދޭން ބޭނުންވާ ވަރަށްވުރެ މާބޮޑަށް ޢާންމު ކަމެކެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ ރިޝްވަތުދޭ މީހާއާއި ރިޝްވަތުހިފާ މީހާއަށް ލަޢުނަތް ވިދާޅުވެފައެވެ. އިތުރު ސާހިބާގެ ޙަދީޘުފުޅެއްގައިވާގޮތުން ރިޝްވަތުދޭ މީހާއާއި ރިޝްވަތުހިފާ މީހާއާ ދެމީހުންނަކީވެސް ނަރަކަވަންތަވެރީންނެވެ. މަދު ފައިސާކޮޅަކަށް ނުވަތަ ކުޑަ މަންފާއަކަށް ނަރަކަ ގަތުމާއި އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ލަޢުނަތުގެ ޙައްޤުވެރިޔަކަށް ވެގަތުމަކީ ބުއްދިވެރިކަމެއް ނޫނެވެ.
ވޯޓަކީ އުމީދާރަކު އޭނާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޤާބިލުކަމަށް ކުރާ ދަޢުވާއަށްދޭ ހެކިދިނުމެއްކަމުގައި ވާފަދައިން ވޯޓު ދިނުމަކީ އެކަމެއްގައި ސަކާކުރުން (ތިމާޔަށް ލިބިފައިވާ ހައިސިއްޔަތެއްގެ ބާރުގައި އަނެކަކަށް ރަނގަޅު ކަމެއްވުމަށް ނުވަތަ އެއްޗެއް ލިބުމަށް އަތްބާރުއަޅައިދޭ ދިނުން) ވެސް ހިމެނޭ ކަމެކެވެ. މީހަކަށް ވޯޓުދިނުމަކީ އެމީހާއަކީ ޤައުމުގެ އިސްވެރިކަމަކަށް ޢައްޔަންކުރަން ނުވަތަ މަންދޫބަކަށް ހަދާން އެކަށީގެންވާ މީހަކު ކަމުގައި ބުނެ އެކަމަށް ކުރާ ސަކާކުރުމެވެ. އެ ސަކާކުރުމަކީ ޙައްޤު ސަކާކުރުމެއް ކަމުގައިވާނަމަ އެއީ ދަރުމައާއި ސަވާބު ލިބޭނެ ކަމެކެވެ. އެ ސަކާކުރުމަކީ ޙަޤީޤަތާ ޚިލާފު ދޮގު ސަކާކުރުމެއް ކަމުގައިވާނަމަ އެއީ ފާފަވެރިވާނެ ކަމެކެވެ. އެހެނީ އަރަހުށި މާތް اللّـــه سبحـــانــــه وتــعــــالــــى ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވަނީ މިދަންނަވާ ފަދައިންނެވެ.
"ހެޔޮ ޝަފާޢަތަކުން ޝަފާޢަތްތެރިވާ މީހާއަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި ނުބައި ޝަފާޢަތަކުން ޝަފާޢަތްތެރިވާ މީހާއަށް އޭގެ (ފާފައިން) ބައެއްވެއެވެ." (الـنّسـاء: 85)
ނުރަނގަޅު ސަކާކުރުމުގެ ނުރައްކައުތެރިކަން ވިސްނައިވަޑައިގަންނަވާށެވެ. أســــامـــــة بــــن زيــــد رضـــى اللّـــه عــنـــــه އަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެންމެ ލޯބިފުޅުވާ ޞަޙާބީންކުރެ އެއްބޭކަލެކެވެ. سيّــدنــا ألإمــام حسـن ނުވަތަ حسـيــن އިތުރު ސާހިބާގެ އެއްކަކޫފުޅުމަތީގައި އަނެއްކަކޫފުޅުމަތީގައި أســــامـــــة ބައިންދަވައިގެން ގެންގުޅުއްވި ބޭކަލެކެވެ. أســــامـــــة އެއްފަހަރަކު ކުށްވެރިއަކާމެދު ސަކާކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމާ ވަރަށްބޮޑަށް ނުގަބޫލުފުޅުވެވަޑައިގެން ވަގުތުން ތެދުވެވަޑައިގެން ޚުޠުބާއެއް ވިދާޅުވިއެވެ. އެ ޚުޠުބާގައި ވިދާޅުވިއެވެ.
"ތިޔަބައިމީހުންނަށްވުރެ ކުރީގެ މީހުން ހަލާކުވީ (އެބައިމީހުންކުރެ) ޤަދަރުވެރިޔަކު ވައްކަމެއް ކޮށްފިކަމުގައިވާނަމަ އެމީހަކު ދޫކޮށްލައި ނިކަމެއްޗަކު ވައްކަމެއް ކޮށްފިކަމުގައިވާނަމަ އެމީހަކަށް އަދަބު ދޭތީއެވެ." (أبـــوداؤد: 4373)
އާދެ، ކުށްގޮތެއްގައި ޙަޤީޤަތާ ޚިލާފަށް ސަކާކުރުމަކީ ނުހަނު ވިޔާނުދާ ޢަމަލެކެވެ. ވޯޓުގެ ޒަރީޢާއިން އިންތިޚާބުވާ އުމީދާރެއްގެ މަސައްކަތަކީ އުންމަތުގެ އިޖުތިމާޢީ ފައިދާއާއި ގެއްލުމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން މިފަދަ ކަމެއްގައި ނުބައިކޮށް ސަކާކުރާ މީހެއްގެ ފާފަވެރިކަންވެސް ނިސްބަތުން ބޮޑުވާނެކަމީ އޮޅުމެއް އޮތްކަމެއް ނޫނެވެ.
ވޯޓުގައި ހިމެނޭ އަނެއް ހައިސިއްޔަތަކީ ވަކާލާތު ކުރުމެވެ. ވަކީލަކު ޢައްޔަންކުރުމެވެ. ތިބާ ތިޔަ އިންތިޚާބުކުރައްވާ ސަރުކާރުގެ އިސްވެރިޔާ ނުވަތަ ރައްޔިތުންގެ މަޖްލިސުގެ މެންބަރުން ނުވަތަ ކައުންސިލުތަކާއި ކޮމެޓީތަކުގެ މެންބަރުންނަކީ އެބައެއްގެ މެދުވެރިކަމާއެކު ދައުލަތުގެ މުޅި ނިޒާމު ހިންގޭ މީހުންނެވެ. ޖުޑީޝަރީގައިވެސް ނުފޫޒެއް އޮންނަ ބައެކެވެ. އާދެ، ޤައުމުގެ ވެރިކަމާއި ޤައުމުގެ ހިންގުމުގައި ނަގާކިޔާ މީހުންނެވެ. އެ ދާއިރާތައް އެކުލަވައިލުމުގައި ތިބާގެ ބަސްއިއްވާ ވަކީލުންނެވެ. ޢާންމު އުސޫލަކީ ވަކީލުން މެދުވެރިކޮށް ހިނގާ ކަންކަން އެ ވަކީލަކު ޢައްޔަންކުރި މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވުމެވެ. ތިބާގެ ފަރާތުން ވަކީލަކު ޢައްޔަންކުރައްވާ ކަމުގައިވާނަމަ ބުއްދި ލާޒިމުކުރަނީ ވީހައިވެސް އަމާނާތްތެރި ޤާބިލު ވަކީލަކު ޢައްޔަންކުރެއްވުމެވެ. ތިބާގެ ޒަމީރުގެ އަޑު، ތެދުވެރިކަމާއެކު ފުރިހަމަޔަށް އިއްވޭނެ މީހަކު ހޮއްވަވައި ނެންގެވުމެވެ.
އެހެންކަމުން ކޮންމެ މުސްލިމެއްގެ ވާޖިބަކީ ވޯޓުދޭއިރު މިކަންކަމާމެދު ވިސްނުން ބެހެއްޓުމެވެ. އާދެ، ވޯޓު ދިނުމަކީ ވޯޓުގެ ޒަރީޢާއިން ތެދު ހެތްކެއް ނުވަތަ ދޮގު ހެތްކެއް ދިނުމެވެ. ރަނގަޅު ނުވަތަ ނުބައި ސަކާކުރުމެކެވެ. ޤާބިލު ނުވަތަ ނާޤާބިލު ނުވަތަ އެކަށޭނަ ނުވަތަ ނުއެކަށޭނަ މީހަކު ވަކީލަކަށް ހެދުމެވެ. ފައިސާއަށް ވޯޓުދީގެން ޞަރީޙު ގޮތެއްގައި ރިޝްވަތު ހިފުމެވެ. ޞައްޙަ ޢުޒުރަކާ ނުލައި ވޯޓުނުދީ ހުރެގެން ހެކިބަސް ވަންހަނާކުރުމުގެ ފާފަ ލިބިގަތުމެވެ. ވޯޓުދޭ މީހާގެ ހެކިބަހާއި އޭނާގެ ސަކާކުރުމާއި އޭނާގެ ވަކީލަކު ޢައްޔަންކުރުމަކީ ހުސްއެކަނި އޭނާގެ ޒާތާ ހަމަޔަށް އެކަމުގެ އަސަރު ފޯރާކަމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެކަމުގެ ލާބަ ނުވަތަ ގެއްލުމަކީ މުޅި މުޖުތަމަޢަށް ފޯރާކަމެކެވެ. މުޅި ޤައުމަށް ފޯރާކަމެކެވެ. މީހަކަށް ފަރުދީގޮތުން ގެއްލުމެއް ދިނުމަކީވެސް ފާފައެކެވެ. އެކަމަކު އިޖުތިމާޢީ ފެންވަރުގައި ގެއްލުންދިނުމާއި އެކަމުގައި ބައިވެރިވުމަކީ މާބޮޑު މާއަފޫރުއްބަ ފާފައެކެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ ޝަރްޢީ އަދި އިސްލާމީ ވާޖިބަކީ މިކަންކަމަށް ވިސްނައި އެންމެރަނގަޅު އެންމެ ތެދުވެރި ފުރަދާނަކަށް ވޯޓުދިނުމެވެ. މިއްލަތާއި ޤައުމަށް އެންމެ ލާބައާއި މަންފާކުރާނެ މީހަކަށް ވޯޓު ދިނުމެވެ. ޒާތީ ގުޅުމާއި ޝަޚްޞީ މަންފާގެ ބަދަލުގައި ޤައުމުގެ ފައިދާއާއި މަޞްލަޙަތަށް އިސްކަންދިނުމެވެ.
ދީން
ދީން
ދީން
ދީން