އެމްޑީޕީގެ ވާދަވެރިން އުޅެނީ 2000ގެ ކުރީކޮޅުގައި ކަމަށާއި އެބޭފުޅުން ވެސް ވާދަވެރި ކެމްޕޭނަކަށް ނުކުންނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ. ދިއްގަރުގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވާދަވެރިން ކެމްޕޭނަށް ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށާއި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުމެން މީގެ އެތައް އަހަރެއް ކުރިން ފެށި މަސައްކަތް، ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއަށް ގެނައުމަށްޓަކައި. މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިތިބި ހިސާބަކީ ވާދަވެރި ކެމްޕޭނެއް ހިންގައި، އިންތިހާބުގައި ވާދަކޮށް، ވޯޓުން ނަތީޖާ ނެރުން. އަޅުގަނޑުމެންނަށް އެ ހިސާބަށް ޔަގީނުން ވެސް އާދެވިއްޖެ، އެމްޑީޕީއަށް އާދެވިއްޖެ. ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އެ އުޅެވެނީ 2000ގެ ކުރީކޮޅުގައޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި އޭރު ކުރަން ފެށި މަސައްކަތްތަކުގެ ކޮންމެވެސް މަންޒަރެއް ބައެއް ރަށްރަށުން ފެނިވަޑައިގަންނަވާ ކަމަށާއި އެކަން ދޫކޮށްލެއްވުމަށް އިހުތިރާމާއެކު ވާދަވެރިންނަށް ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ނުކުމެ ވާދަކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރަން. ތަޅާފޮޅުމާއި، ހަމަނުޖެހުމާއި، ސުލްހަ ގެއްލުވާލުމަށް ކުރާ ކަންތައްތަކަށް މި ސަރުކާރުން ޖާގައެއް ނުދޭނަން. މި ރާއްޖޭގެ އަމަންއަމާންކަން ފުލުހުންނާއި ސިފައިން ބަލަހަައްޓާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެ ކުރީގައި ވެސް އިންތިހާބުތަކުގައި ދިއްގަރަކީ އެމްޑީޕީއާއެކު ތިބި ބައެއް ކަމަށާއި ސިޔާސީ ހަލަބޮލިކަން، ވާދަވެރިކަން ކިތަންމެ ބޮޑުވިޔަސް، އަބަދުވެސް ކާމިޔާބު ހޯދަނީ އެމްޑީޕީން ކަމަށެވެ.