އަންނަ މަސް ނިމުމުގެ ކުރިން މ. ދިއްގަރު ބިން ހިއްކައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މ. ދިއްގަރުގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެ ރަށަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ދައުލަތުގެ ބަޖެޓުން 150 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ މަސައްކަތް އޮތީ ކުރިއަށް ކަމަށެވެ.
"މި ރަށުގެ ބިން ހިއްކުމަށް އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް މުޅިން ފުރިހަމައެއް އަދި ނުކުރެވޭ. ރިވެޓްމަންޓް ޖަހައި، ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް މުޅިން ނިމުމަކަށް ނުދޭ. އެހެންނަމަވެސް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ މިރޭ މިތަނުގައި ހުރެ، އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކު މި ފެށޭ އޮގަސްޓް މަސް ނިމިގެންދާނީ މި ރަށަށް ބޭނުންވާ ބިން ހިއްކައި ނިންމައި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއެކު." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018 ގައި ދިއްގަރު ރައްޔިތުން އެދުނުގޮތަށް ސަރުކާރަށް ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްވަރު ވެސް އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ފަށައިގަނެފައިވާނެ ކަމަށާއި އޭރު ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ހުއްޓި، ރާއްޖެ ވެސް އޮތީ ލޮކްޑައިނެއްގައި ކަމަށެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމުން، އެ މަސައްކަތްތަކަށް ރާއްޖެއިން ބޭރުން ސާމާނު ގެނައުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއް. ހުރިހާ އެއްޗެއް ގެންނަން ޖެހެނީ ބޭރުން. އަދި ހާއްސަކޮށް މިކަހަލަ މަސައްކަތެއް ކުރާ އިރު، ބޭނުންވާ ސާމާނު އެއީ ރާއްޖެއިން ބޭރުން އަޅުގަނޑުމެން ގެނެސްގެން ނޫނިއްޔާ ނުކުރެވޭ ޒާތުގެ ކަންތައްތައް. އެހެންނަމަވެސް މި ދެންނެވިހެން އެ ދަތި އުނދަގުލުގައި ވެސް ދިއްގަރަކީ މިއަދު އެކަން ކުރަން ޖެހިފައި އޮތް ރަށެއް ކަމަށް ގަބޫލުކޮށް، އެންމެ ފުރަތަމަ ފަށައިގަތް ރަށްތަކުގެ ތެރޭގައި ދިއްގަރު ހިމެނިގެންދާނެ. އަޅުގަނޑު ހިތުން ދިއްގަރުގެ ރައްޔިތުން އެކަން ގަބޫލުކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިއްގަރަށް އަދިވެސް އިތުރު ކަންތައްތަކެއް ބޭނުންވާ ކަމަށާއި އެކަމަށްޓަކައި އަންނަ ދައުރުގައި ހޮސްޕިޓަލަކާއި މަގުތައް ހަދައި، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު