ރާއްޖެއަށް ޑްރަގް ޓްރެފިކުކުރި މައްސަލައިގައި، ރ. މަޑުއްވަރީ މިރިހިމާގެ ހަސަން އިބްރާހިމް 25 އަހަރު ދުވަހަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، ތުރުކީ ރައްޔިތެއް ކަމަށްވާ ސުއަޓް އިސިކްލީ ކިޔާމީހަކު ރާއްޖެ އައިއިރު ގެނައި ލަގެޖް ފޮށީގައި މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ތުހުމަތު ކުރެވިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސް، ލަގެޖް ފޮއްޓާ ހަވާލުވާން އަންނަ މީހެއް ބެލުމަށްޓަކައި ފުލުހުން ކުރިއަށްގެންދިޔަ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނުން ހަސަން އިބްރާހިމް އަތުލައިގަނެގެން ކުރިއަށްގެންދިޔަ މައްސަލައެކެވެ.

އެ އޮޕަރޭޝަންގައި ފޮށި ބަލައި އަންނަނީ ކާކުތޯ ބަލަން، އެ ތުރުކީ މީހާ ހުންނަން ހަމަޖެހިފައިވާ، ހުޅުމާލޭ ވިލު ރެސްޓް ގެސްޓްހައުސްގެ ކޮޓަރީގައި، އެ ތުރުކީ މީހާއާއެކު މަޑުކުރިއެވެ. އެ ކޮޓަރީގައި ފުލުހުން ތިބީ ފިލައެވެ. އެ ދުވަހުގެ ހަވީރު ހަސަން އިބްރާހިމް އެ ފޮށި ބަލައި އައިސް ފޮށި ހިފައިގެން ކޮޓަރިން ނުކުންނަން އުޅެނިކޮށް ފުލުހުން އޭނާ އަތުލައިގަތެވެ. އަދި އޭނާގެ ހާޒިރުގައި ލަގެޖު ފޮށި ބަލައި ފާސްކުރިއެވެ.

ޑްރަކްގެ ބާވަތެއް ކަމަށްވާ ކޮކެއިން ރާއްޖެއަށް އެތެރެކޮށްފައިވަނީ އެ ފޮށީގެ ދަށު ފަޅި އާއި މަތީފަޅީގައި، ޑަބަލްފޫ އަޅައި ކޮންސީލްކޮށްފައިވާ ރަބަރު ގަނޑުގަނޑުގައި ރައްކާ ކޮށްގެންނެވެ.

ތަހުގީގުގައި އެ ތުރުކީ މީހާ ބުނެފައިވަނީ، އެ ފޮށި ހިފައިގެން ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އެތެރެވާން އޭނާއާ ފޮށި ހަވާލު ކުރީ ބްރެޒިލުން ކަމަށާއި، އެކަަމަށް ބޭނުންވާ ފައިސާވެސް ބްރެޒިލުން އޭނާއާ ފޮށި ހަވާލުކުރި ފަރާތުން އޭނާއަށް ދީފައިވާ ކަމަށެވެ. އަދި އެ ފޮށި ހިފައިގެން ހުޅުމާލެ ވިލު ރެސްޓް ގެސްޓްހައުސްގެ ކޮޓަރީގައި މަޑުކުރުމުން މައިކަލް ކިޔާމީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން އެމީހާއަށް ފޮށި ހަވާލުކުރަން އެ ފޮށި ދިން ފަރާތުން ބުނެފައިވާ ކަމަށާއި ވަކި އަދަދަކަށް އޭނާ ފައިސާ ދޭނެކަމަށް ބުނެފައިވާ ކަމަށްވެސް އޭނާ ކިޔައިދީފައިވެއެވެ.

އެ ފޮށި ބަލައި އައިސް ކޮޓަރީގެ ދޮރުގައި ހަސަން އިބްރާހިމް ޓަކި ޖެހުމަށްފަހު ނަމެއްގެ ގޮތުގައި ބުނެފައިވަނީ މައިކަލް ކަމަށްވެސް ފުލުހުންގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ފޮށި ހިފައިގެން ތުރުކީ މީހާ ދަތުރު ކުރި އިރު، އޭނާ ދަތުރުކުރާ ގޮތް އެންގުމަށްޓަކައި، ފޯނުން ފޮޓޯ ނަގައި ހަސަން އިބްރާހިމަށް ފޮނުވަމުން ގޮސްފައިވާކަންވެސް އޭނާގެ ފޯނުން އެނގެން އޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ތުރުކީ މީހާގެ އަތުން ސެމްސަން ބްރޭންޑްގެ ފޯނަކާއި ފައިސާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މިކަން ހިނގާފައިވާ އިރު، މުސާރައިގެ ގޮތުގައި އެއްވެސް ފައިސާއެއް ހަސަން އިބްރާހިމްގެ އެކައުންޓަށް ޖަމާނުވާއިރު އޭނާގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި މިހާރު އެކްޓިވް އެއްވެސް ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްގެން ހިންގަމުން ނުދާއިރު، އޭނާގެ އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާ ދައުރުވެފައިވާކަންވެސް މި މައްސަލައިގައި ވަނީ ސާބިތުވެފައެވެ.

އެ ކަންތައްތަކަށް ބަލައި، މި މައްސަލައިގައި މަސްތުވާއެއްޗެއް ޓްރެފިކު ކުރުމުގެ ދައުވާ ހަސަން އިބްރާހިމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި 25 އަހަރު ދުވަހަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.