ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށީގެން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވަނީ، މިއަދު ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ ދެގޮތަކަށް ކަމަށެވެ. އެއީ އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރުމުގެ އިތުރުން އާއްމުކޮށް ކުރިއަށްގެންދާ، ފޯމު ހުށަހަޅައިގެން ރީރަޖެސްޓްރީ ކުރުމެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ.
"އާއްމުކޮށް އޮންނަ ގޮތަށް ފޯމު ހުށަހަޅައިގެންނާއި، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭގޮތަށް މި ހުޅުވާލަނީ، އެހެންވެސް ޕޯޓަލް ތަކެކޭ އެއްގޮތަށް އޮންލައިން ރެޖިސްޓްރީ ޕޯޓަލްވެސް އޮންނާނީ، އެހެން ނަމަވެސް ލައިވް ފޮޓޯއެއް ދެއްވަން ޖެހޭނެ، އެއާ އެކީގައި އެބޭފުޅެއްގެ އައިޑީކާޑުގެ ފޮޓޯއެއް ހިމަނަން ޖެހޭނެ، ދެން އެބޭފުޅަކު ފުރުއްވަން ޖެހޭ މައުލޫމާތެއް ފުުރުއްވައިފަ ހުށަހެޅުއްވީމަ އިލެކްޝަނުން އެ މައުލޫމާތު ޗެކް ކޮށްފަ އެކްސެޕްޓް ކުރީމަ، ބަލައިގަތީމަ ރީ ރަޖިސްޓްރީ ވެގެންދާނީ، އެބޭފުޅަކު ހުށަހަޅުއްވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތޯ ބަލައި ޗެކްކޮށްފަ ދެގޮތަށްވެސް ރީ ރަޖިސްޓްރީ ކޮށްދޭނީ،" އީސީގެ ރައީސް ފުއާދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، ރީ ރަޖިސްޓްރީކުރަން ލިބޭނީ މިއަދުން ފެށިގެން ފަހެއް އޯގަސްޓަށް، 21 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެ މުއްދަތުގެ ފަހުން، ގޮތެއް ހަމަޖައްސައި ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވިގޮތުގައި، އެހެން ފަހަރުތަކާ ހިލާފަށް މާލެ، ވިލިމާލެ، ހުޅުމާލެ، މިއިން ކޮންމެ ތަނެއްގައި ހިމެނޭ މީހަކުވެސް އެއިން ތަނަކުން ކޮންމެ ތަނަކަށްވެސް ރީ ރަޖިސްޓްރީ ކުރެވިދާނެއެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ ތިމަންނަމެން އޮންނަނީ ވިލިމާލޭގައޭ ރަޖިސްޓްރީވެފަ، ތިމަންނަމެން ބޭނުމޭ ހުޅުމާލޭގައި ވޯޓުލާން، މިފަހަރު އެކަން އެގޮތަށް ހަމަޖެހިފަ އޮންނާނެ، ހަމަ މާލޭގައި އުޅުއްވާ ބޭފުޅުންނަށް ވެސް ވިލިމާލޭގައި ވޯޓު ލެއްވިދާނެ، މާލޭގައި އުޅުއްވާ ބޭފުޅުންނަށް ހުޅުމާލޭގައިވެސް ވޯޓު ލެއްވިދާނެ، ހަމަ އެގޮތަށް ހުޅުމާލޭގައި އުޅުއްވާ ބޭފުޅުންނަށް ނޫނީ ވިލިމާލޭގައި އުޅުއްވާ ބޭފުޅުންނަށް މާލޭގައިވެސް ވޯޓު ލެއްވިދާނެ ވޯޓުލާ މީހުންނަށް ފަސޭހައެއްގެ ގޮތުގައި މި ހުރިހާ ގޮތަކަށްވެސް އަޅުގަނޑުމެން ހަމަޖައްސައިދެން،"
އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން ކަނޑައެޅިފައިވާ މުއްދަތުގައި ރީ ރަޖިސްޓްރީ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ، މިމަހު 23 އިން ފެށިގެން އޯގަސްޓް ހަތެއްގެ ނިޔަލަށެވެ.
އިންތިހާބުގައި ފުރަތަމަ ބުރުގެ ވޯޓު ލުން އޮންނާނީ ނުވައެއް ސެޕްޓެމްބަރުގައެވެ. އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު