ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއެކު 2013 ގައި ކޯލިޝަން ހަދައިގެން ވެގެންދިޔައީ މުސީބާތަކަށް ކަމަށާއި ނާގާބިލު ބޭފުޅުން ރަނގަޅުވާނީ ވެރިކަމަށް ކުރިމަތިނުލެއްވުން ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މުލަކުގައި ރޭ ބޭއްވި ޖަލްސާގައި މައުރޫފް ވިދާޅުވީ މީގެ ކުރިން ހެދި ކޯލިޝަންތައް ރޫޅިގެންދިޔައީ އިންތިހާބުކުރި ރައީސުންގެ ނާގާބިލުކަމުން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަމިއްލަފުޅަށް އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވީ ވެސް އެހެންވެގެން ކަމަށެވެ. އަދި ރައީސް ޔާމީނާއެކު ކޯލިޝަން ހަދައިގެން ވެގެންދިޔަ ހާލު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގިގެންދިޔައީ ކޮން އެއްޗެއްތޯ. ރައީސް ޔާމީން ގާނޫނުއަސާސީ ބަދަލުކުރައްވައިގެން އަބަދާއަބަދު އަޅުގަނޑުމެން ޖެހެނީ ނައިބު ރައީސުންނާއި މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރަން. އެހެންކަމެއް ކުރާނެ ވަގުތެއް އަޅުގަނޑުމެންނަކަށް ނުވޭ. އެހެންވީމާ ބޮޑު މުސީބާތަކަށް އަޅުގަނޑުމެންނަށް ވީ. މިއީތޯ ވެރިކަން ކުރަން ގާބިލު މީހުންނަކީ. ވެރިކަން ނުކުރެވެންޏާ، ވެރިކަމަށް ކުރިމަތިނުލީމަ ރަނގަޅުވާނީ،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ގާބިލުކަމަކީ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅާ، އެހެން މީހުންނާ އެކީގައި އުޅެން ދަސްކުރުން ކަމަށާއި ކޯލިޝަނަކާ ނުލައި ދުވަހަކުވެސް އެއްވެސް ބޭފުޅަކަށް ވެރިކަމަށް ވަޑައިނުގެންނެވުން އެއީ މިއަދު ސިޔާސީ ހަގީގަތެއް ކަމަށެވެ. އަދި ކޯލިޝަނާއެކު ރައީސް ސޯލިހު މިއަދު އެ ދައްކަވަނީ ފުރިހަމަ ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ މިއަދު އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި ކޯލިޝަން ހެދި ބޭފުޅުން. އަދާލަތު ޕާޓީގެ ރައީސް މި އިންނެވީ، އޮނަރަބަލް ގާސިމް އިބްރާހިމް އެ ހުންނެވީ، ރައީސް މައުމޫން އެ ހުންނެވީ. މި ބޭފުޅުންނަކީ ފަސޭހަ ބޭފުޅުންނެއް ނޫން، ވަރަށް ސިޔާސަ ބޭފުޅުން. ސިޔާސަ ވީމަ ނޫންތޯ ރައީސް ޔާމީނަށް ކެތްނުވެގެން ޖަލަށް ލާން ޖެހުނީ. އެކަމަކު އަޅުގަނޑުމެންގެ ރައީސް ކިހިނެއްތޯ ކަންތައް ކުރެއްވީ. ވަރަށް ރީތިކޮށް ހަމަހިމޭންކަމާ އެކީގައި ދައުރެއް ނިންމާލީ، ހާދަ އުފާވެރިއޭ. އެއްވެސް މީހަކު ޖަލަށް ނުލައި، ދައުރެއް ނިންމާލި ރައީސަކީ މި އިންނެވީ. އެހެންވީމާ މިއަދު އަޅުގަނޑު ރައީސަށް ސެލިއުޓް އަރުވަން، ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ވެސް ކެންޑިޑޭޓެއް ދައްކައި، ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށާއި ނަމަވެސް ރައީސް ސޯލިހުގެ ކޯލިޝަނުން ކުރިއަށްއޮތް ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން، އެއް ބުރުން ކާމިޔާބުކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު