ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް އިދިކޮޅާއެކު ކޯލިޝަން ހަދައިފި ނަމަ، ތިން ދުވަސް ތެރޭ މައްސަލަތައް ޖެހޭނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ކޯލިޝަން ހައްދަވަންވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ ރައީސް ސޯލިހުގެ ސިޔާސަތަކީ ރާއްޖޭގެ ރަށްރަށަށް ތަރައްގީ ގެނައުން ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ކޯލިޝަންގައި އޮތީ ހަމައެކަނި ރައީސް ސޯލިހު ބަލިކުރުން ކަމަށެވެ. އަދި އެކަމުން ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ކޮބާހޭ ޓެކްނޮލޮޖީއަކީ، ކާކުހޭ ތިކަން ކުރަނީ، ކޮން ތާކުންތޯއޭ ފައިސާ ހޯދީ، ކިހިނެއްތޯއޭ ތީގެ އިންޖިނިއަރިން ހަދަނީ، އެމީހުން އެމީހުންނާ އެކުވެގެން ތިކަން ކުރެވޭނެތޯއޭ. ތިބޭފުޅުންނަކީ ދުވަހަކުވެސް އެއްގަލަށް އެރި ބައެއް ނޫނޭ، އަނެއްކާވެސް ނޭރޭނެއޭ، ތިން ދުވަސް ތެރޭ ތަޅައިގަންނާނެއޭ. ފުރަތަމަ ކޯލިޝަނަށް ވީ ގޮތް އަޅުގަނޑުމެންނަށްތާ އެނގޭނީ. ގާސިމަށް އަޅުގަނޑު ދަންނަވަން ބޭނުން، ގާސިމަށް ކުރީ ފަހަރު 17 ދުވަސް ވިއޭ، މިފަހަރު ތިޔަ ކޯލިޝަނެއް ހައްދަވައިފިއްޔާ ޔަގީނޭ ތިން ދުވަސް ވެސް ނުވާނެއޭ. ނޭނގެ އަނބިދަރިން ވެސް ސަލާމަތްވާނެ ކަމެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ކޯލިޝަނެއް ހައްދަވާ ކަމަށްވަންޏާ، ވަޑައިގެން އަޅުގަނޑުމެންނާއެކު ކޯލިޝަން ހައްދަވާށޭ ހުރިހާ ބޭފުޅުން ވެސް. ކޯލިޝަން ހައްދަވާފަ ކުރިއަށްއޮތް ފަސް އަހަރަށް އަޅުގަނޑުމެންގެ ރައީސް ނަންގަވައިދެއްވާށޭ،" ރީކޯ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ އެމްޑީޕީ ނުކުމެ އޮތީ މި ރާއްޖޭގެ ތަރައްގީއަށްޓަކައި ރައްޔިތުންނަށް ނުވެ ހުރި ކަންތައްތައް ކޮށްދޭންވެގެން ކަމަށާއި ރައީސް ސޯލިހުގެ މެނިފެސްޓޯއަކީ އެއީ ކަމަށެވެ. އެމްޑީޕީން ބޭނުންވަނީ ރައްޔިތުންނަށް ފުދުންތެރި، ތާހިރު ދިރިއުޅުމެއް ހޯދައިދޭން ކަމަށް ވިދާޅުވިއެވެ.

"މިއީ އެމްޑީޕީ ކުރިން ދައްކަމުންދިޔަ ވާހަކަތައް. އިރާދަކުރެއްވިއްޔާ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން ކުރެވޭ އެންމެ ބޮޑު މަސައްކަތެއް ކަމުގައި ދެކެނީ ދިވެހިރާއްޖޭގެ ޒުވާނުންނަށްޓަކައި އެމަނިކުފާނު އެޅުއްވި ބިންގާ،" އޭނާ ވިދާޅުވިއެވެ.

ރީކޯ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށާއި އެހެން ނޫން ނަމަ، މިއަދު ހުރިހާ ބާޣީން ކޮނޑަށް ލައިގެން ނުހިންގަވާނެ ކަމަށެވެ.