ރައްޔިތުންގެ އަންނައުނު މަރާމާތު ކުރުމަށް ފްރާންސް ސަރުކާރުން ސަބްސިޑީ ދޭން ނިންމައިފިއެވެ.

ފްރާންސް ސަރުކާރުން ހާއްސަ ސަބްސިޑީއެއް ދީގެން އާންމުންގެ އަންނައުނު މަރާމާތު ކުރުމަށް ނިންމާފައި މިވަނީ އަންނައުނު އުފައްދާ އިންޑަސްޓްރީތަކުން ބޭރުކުރާ ތިމާވެއްޓާ ބީރައްޓެހި މާއްދާތަކުގެ ސަބަބުން ދިމާވާ ގުދުރަތީ މައްސަލަތަކަށް ހައްލު ހޯދުމަށެވެ.

ފްރާންސުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ވަނީ އެގައުމުގެ އާންމުން ބޭނުންކުރާ އަންނައުނުގެ އިތުރުން ބޫޓުވެސް ހަލާކުވެ އެ މަރާމާތު ކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ޕެކޭޖްތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން މަރާމާތުގެ ކުޑަބޮޑުމިނަށް ބަލައި 7 ޑޮލަރާއި 28 ޑޮލަރާ ދެމެދުގެ އަދަދެއްގެ އެހީތެރިކަމެއް ދިނުމަށް ނިންމާފައިވެއެވެ.

ފްރާންސް ސަރުކާރުން ވަނީ މި އެހީތެރިކަމުގެ ސަބަބުން އާންމުން އަންނައުނު ހަލާކުވާއިރަށް ގަންނަން އުޅުމުގެ ބަދަލުގައި އެ އަންނައުނެއް މަރާމާތު ކުރަން ފަށާނެކަމަށް ލަފާކޮށްފައެވެ.

ޓެކްސްޓައިލް އިންޑަސްޓްރީން ޖައްވަށް ދޫކުރާ ވިހަ ގޭހަކީ ދުނިޔޭގެ ދެވަނައަށް އެންމެ ނުރައްކާ ގޭސް ކަމަށް ރެކޯޑުކޮށްފައިވާ ގޭހެވެ.

ފްރާންސްގެ އޮފިޝަލުން ވަނީ މި ގަވާއިދަށް އަމަލުކުރާނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން ކަމަށް ބުނެފައެވެ.