އެމްޑީޕީގެ ކެޔޮގަނޑުގެ ފޫވައް މިހާރު ވަނީ ނެއްޓިފައި ކަމަށާއި އެ މަނިކުފާނު އެމްޑީޕީ ރޫޅާލާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިން އެބަތިއްބެވި ކަމަށާއި އެމަނިކުފާނުގެ ރަހުމަތްތެރިންނަށާއި އެމްޑީޕީގެ ހުރިހާ މެމްބަރުން ދަ ޑިމޮކްރެޓްސްއަށް ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.

އެއަށްފަހު ނަޝީދު ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށާއި އެ ޕާޓީ ރޫޅާލުމުގެ މަސައްކަތް ކުރައްވާނީ އެމަނިކުފާނު ކަމަށެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ތި ޕާޓީ ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. އަޅުގަނޑު ތި ޕާޓީ ރޫޅާލާނަން، އެމްޑީޕީ ރޫޅާލާނަން، ރޫޅާލާނަން. ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެސްއެމްއީ ލޯނަކަށް ނަފުސު ވިއްކާލައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީ އުފެއްދި ސިޔާސަތު މިހާރު ނެތް ކަމަށާއި އެ ސިޔާސަތަށް ތާއީދުކުރާ މީހުން މިހާރު ތިބީ ދަ ޑިމޮކްރެޓްސްއާއެކު ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމަކީ ފަސޭހަފުޅު ކަމެއް ނޫން ކަމަށާއި އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީ އުފެއްދި ފިކުރާއި ސިޔާސަތުން އެ ޕާޓީ އެއްކިބާވަމުންދާތީ އެ ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހުނީ ކަމަށް ނަޝީދު ވިދާޅުވިއެވެ.