މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުގެ އަދަދު އިތުރުކުރެވޭނެ ޒަމާނީ ގޮތްތަކެއް މިހާރުގެ އެމްޑީޕީގެ ކުރީ ސަފަށް ނޭނގޭނެ ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮަށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ އެމްޑީޕީގެ މިހާރުގެ އިސް ސަފާއެކު އޭނާ ވަނީ އަހަރުތަކެއް މަސައްުކަތް ކުރައްވާފައި ކަމަށެވެ. އިންތިހާބުތަކުގައި ވޯޓު ހޯދުމަށް އެ ބޭފުޅުން ބޭނުންކުރައްވަނީ ބޯދާ ޒަމާނުގެ ގޮތްތަކެއް ކަމަށާއި ޒަމާނީ ވިސްނުމުގައި ވޯޓުގެ އަދަދު އިތުރުކުރާނެ ގޮތެއް ނޭނގޭނެ ކަމަށެވެ.
"އަޅުގަނޑަށް އެމްޑީޕީ ތެރެއިން އެމްޑީޕީގެ ކުރީގެ ސަފުން ފެންނަ ފަރާތްތަކަށް ބަލައިލީމާ އަޅުގަނޑަށް ފެންނަނީ ހަގީގަތުގައި އެއް ހިއްލާލުމުގެ ވިސްނުން. އެ ފިކުރު ނޫނިއްޔާ އެ ދިމާލަށް ދާނެ ގޮތެއް އެނގޭ ހަމަ އެއްވެސް ފަރާތެއް މިހާރު އެމްޑީޕީގެ ކުރީގެ ސަފުން ނުފެންނާނެ. އެހެން މި ދަންނަވަނީ އަޅުގަނޑު އެމްޑީޕީގެ މިހާރުގެ ކުރީ ސަފުގައި އެ ތިބި ހަމަ 90 ޕަސަންޓް މީހުންނާއެކު މަސައްކަތް ކޮށްލެވިއްޖެ. އެ މީހުންގެ ވިސްނުން ހުންނާނީ ވަރަށް އެހެން ކަހަލަ ގޮތަކަށް. ބޯދާ ގޮތަކީ ގޯސް ގޮތެއް ނޫން، އެހެން ނަމަވެސް މާ މުސްކުޅި ގޮތަކަށެއް އެ ވިސްނުން ހުރެގެން ހަމަ ޔަގީނުން ވެސް ހިއްލައެއް ނުލެވޭނެތާ. ޒަމާނީ ގޮތަށް ވިސްނަން ޖެހޭނެތާ ހިއްލާލަން ބޭނުމިއްޔާ. އެހެންވީމާ އަޅުގަނޑަށް ޔަގީންވާ އެއްކަމަކީ އެ ހިއްލާލުން ހިއްލާލެވޭ ކަމަށް ހަމަ ޔަގީނުންވެސް މިވަގުތު އެމްޑީޕީ ކުރީ ސަފުގައި މަސައްކަތްކުރަން ތިބި މީހުންނަށް ނެތްކަން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރާއްޖޭގެ އަންނަން އޮތް ޖީލުތައް ވެސް ދަރަނި ދަންތުރައިގައި ޖައްސައި ދަރުވާފައި ކަމަށެވެ. އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ އެތައް މީހަކު މި ސަރުކާރުން މިނިވަންކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ސަރުކާރުގެ ކުންފުނިތަކުން މީގެ ކުރިން ދުވަހަކުވެސް ހިޔާނަތް ނުހިންގާ ވަރަށް މި ސަރުކާރުގައި ހިޔާނާތް ހިންގާފައިވާ ކަމަށާއި އެ ހުރިހާކަމެއް އެގޮތަށް ހުއްޓައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެއްވައިގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު