އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ނިންމާލައިފިއެވެ.
އުރީދޫން މިއަދު ބުނީ މަސްރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި 83 ޓީމަކުން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވި ކަމަށެވެ.
"މިއަހަރުގެ މަސްރޭހުގައި ބައިވެރިވުމަށް ޖުމުލަ ރަޖިސްޓާ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް،" އުރީދޫން ބުންޏެވެ.
މީގެ ކުރިން އަބަދުވެސް މާލޭގައި ބާއްވަމުން އައި މަސް ރޭސް މުބާރާތް މިއަހަރު މާލެ ހިމެނޭ ގޮތަށް އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް އުރީދޫން ވަނީ ނިންމައިފައެވެ.
މަސްރޭސް މުބާރާތުގައި އެންމެ ގިނަ ޓީމުތައް ބައިވެރިވަނީ މާލެއިންނެވެ. މާލެއިން 34 ޓީމެއް ބައިވެރިވާ އިރު، އައްޑޫއާއި ފުވައްމުލަކުން 13 ޓީމެއް ބައިވެރިވާނެއެވެ. އަދި ކުޅުދުއްފުށިން 23 ޓީމެއް ބައިވެރިވާނެއެވެ.
މިދިޔަ އަހަރުގެ މަސްރޭހުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމުން މިއަހަރުގެ މުބާރާތުގައި ވެސް ވާދަކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
"އަންހެން ޓީމަކުން ނުކުމެ ރިކޯޑް އަދަދެއްގެ މަސްބާނައި ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު،" އުރީދޫން ބުންޏެވެ.
މަސްރޭހުގެ ވަނަތަކަށް ދާ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު މަސްވެރިޔާއާއި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ވެސް ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
- އެއްވަނަ ޓީމު: 25،000 ރުފިޔާ
- ދެވަނަ ޓީމު: 10،000 ރުފިޔާ
- ތިންވަނަ ޓީމު: 5000 ރުފިޔާ
- އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
- އެންމެ މޮޅު ފިޝާވުމަން: 1000 ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު