ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި މީހުންގެ ތެރެއިން ގއ. ވިލިގިނލި/ ލައިޓްހައުސް، ޝަހީބް އިބްރާހީމް ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ޝަހީބުގެ އިތުރުން ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހުމަދު މޫސާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އެ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝަހީބުގެ ބަންދު މުރާޖާކުރުމަށް އޭނާގެ ފަރާތުން އެދުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި އޭނާ ދޫކޮށްލަން ގާޒީ ނިންމެވީ، މި މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް މިންވަރުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާވާނެ ކަމަށް ބެލެވެން ނެތުމާއި ބާކީ ތިބި ހެކިންނަކީ އޭނާގެ ދައުވާތަކާ ގުޅޭ ހެކީންނަށް ނުވުމުން ހެއްކަށް ނުފޫޒެއް ފޯރުވޭނެ ތަނެއްވެސް ނެތުމުންނެވެ.

ބޭސްފަރުވާއަށް މީގެ ކުރިން ވެސް ޝަހީބު ދޫކޮށްލި އެވެ. ނަމަވެސް، އެ އަމުރު އިސްތިއުނާފު ކުރުމުން އަމުރު ބާތިލުކުރުމުން އަނެއްކާ ހައްޔަރުކުރީ އެވެ.