ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗަށްފަހު ހަވާ އަރުވަން ތައްޔާރުވެފައިވާ ކަމަށް މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން ބުނެފިއެވެ.
ކ. ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރެއިން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު، ފެމިނާ ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ ފައިނަލްވެސް އޮންނާނީ މާދަމާ ރޭގައެވެ. މިއީ މިޔަޓުން އިސްނަގައިގެން އަންހެން ޑިވިޝަންގެ މުބާރާތެއް އިންތިޒާމް ކުރި ފުރަތަމަ ފަހަރެވެ. މުބާރާތް ކުލަގަދަ ހަރަކާތްތަކަކާއެކު މިއަހަރުވެސް ފަށާފައިވާ އިރު، އިންތިޒާމް ކުރާ ފަރާތުން ބުނީ ފައިނަލް ދެމެޗަށްފަހު މާދަމާ ރޭ ތުލުސްދޫގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.
މިޔަޓުން އިން އިންތިޒާމުކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލައިފައެވެ. އެ ހުރިހާ މުބާރާތްތަކެއްވެސް އިންތިޒާމް ފުރިހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، މިއަހަރުވެސް މުބާރާތުގެ ކުރިން މިޔަޓުން ވަނީ އަތޮޅުގެ އަންހެން ފުޓްސަލްއަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މިއަހަރު މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި މާދަމާ ރޭ 8:45 ގައި ދިއްފުށީ އަންހެން ފުޓްސަލް ޓީމް ވާދަކުރާނީ އެޕޮކަލިޕްސް ސެންޔޯރާއާ ދެކޮޅަށެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލްގައި މާދަމާ ރޭ 9:45 ގައި ކަންމަތި އެފްސޯ ނުކުންނާނި ދިއްފުށި ފިރިހެން ފުޓްސަލް ޓީމާ ދެކޮޅަށެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް