ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއާ ޗެމްޕިއަންޝިޕްގައި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)ގެ އެތުލީޓުން ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލް އިވެންޓްތައް އިއްޔެ ކުރިއަށް ގެންގޮސްފައިވާ އިރު، ފައިނަލް ގިނަ އިވެންޓްތަކެއްގައި އައިބާގެ ކުޅުންތެރިން ވަނީ ފެނިގެން ގޮސްފައެވެ.
އެގޮތުން ޑަބަލްސް އިވެންޓްތަކުގެ ތެރެއިން 11 އަހަރުން ދަށުގެ ކެޓަގަރީން އަންހެން އަދި ފިރިހެން އިވެންޓުންވެސް އައިބާގެ ކުޅުންތެރިން ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. ޑަބަލްސް 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން، 15 އަހަރުން ދަށުގެ އަންހެން އިވެންޓްގެ ފައިނަލަށްވެސް އައިބާގެ ކުޅުންތެރިން ވަނީ ދަތުރު ކޮށްފައެވެ.
ޑަބަލްސްގައި ޖުމުލަ ނުވަ ފައިނަލެއް ކުޅޭ އިރު، ފަސް ފައިނަލެއްގައި އައިބާގެ ކުޅުންތެރިން ވާދަކުރިއެވެ.
އޭގެ އިތުރުން ސިންގަލްސް ފައިނަލަށްވެސް އައިބާގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ދަތުރު ކޮށްފައެވެ. އެއީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓާއި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފައިނަލުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓްތަކުގެ ފައިނަލަށެވެ.
ޖޫނިއާ މުބާރާތުގައި އިއްޔެ ސިންގަލްސް ކެޓަގަރީތަކުން ޖުމްލަ 10 މެޗު ކުޅުނު އިރު އައިބާ އެކަޑަމީގެ އެތުލީޓުން ހަތަރު މެޗެއްގައި ވާދަކުރިއެވެ.
- 11 އަހަރުން ދަށުގެ ޑަބަލްސް - ލައިޝާ ޝަޒްވާން އަހުމަދު/ ލައިބާ އަހުމަދު މަހްލޫފް
- 13 އަހަރުން ދަށުގެ ސިންގަލްސް - މުހައްމަދު އައިދިން އަންވަރު
- 13 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް - މުހައްމަދު އައިދިން އަންވަރު/ އަޔާން އަހުމަދު ނަދީމް
- 15 އަހަރުން ދަށުގެ ސިންގަލްސް - އައިޝަތު ޔޫހާ އަހުމަދު
- 15 އަހަރުން ދަށުގެ ޑަބަލްސް - އައިޝަތު ޔޫހާ އަހުމަދު - އައިނީ ބިންތު ޝާހިދު ހުސައިން
- 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް - އަބްހާ އިސްމާއީލް ރަޝީދު
އޭގެ އިތުރުން 11 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ރަނަރަޕްގެ މަގާމު ހޯދީ އަޖުފާން އިންޓަނޭޝަނަލް އެކަޑެމީގެ ކައިސަން އަފްރާހް އުމަރާއި ނޫރު ރޫދު އުސައިދު މޫސާއެވެ. އަދި 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ރަނަރަޕް ހޯދީ އައިމިނަތު އަމްނާ އަލީ އާމިރެވެ. އަމްނާއާއި އއިޝަތު ޔޫމީ އަލީ އަހުމަދު ވަނީ 13 އަހަރުން ދަށުގެ ޑަބަލްސް ރަނަރަޕް ކަންވެސް ހޯދައިފައެވެ.
ނަވާރަ އަހަރުން ދަށުގެ ރަނަރަޕްކަން އައިޝަތު ޔޫމަލް އަމްޖަދު ހޯދި އިރު، އަޖުފާން އެކަޑެމީގެ ތިން އިވެންޓެއްގެ ތިންވަނަ ހޯދައިފައެވެ. އެއީ 17 އަހަރުން ދަށުގެ ފިރިހެން އިވެންޓުން އަރުހަމް އާދަމް އަލީއާއި އިސާމާއީލް ޝަމާލް ޝާމަން އަދި 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓުން ޝިޒާން ސިރާޖު އަދި ޒިޔާން ސަނީފެވެ.
އޭގެ އިތުރުން، 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ތިންވަނަ ލައިސާ ޝަޒްވާން އަހުމަދު ހޯދިއެވެ.
ޖޫނިއާ ބެޑްމިންޓަން މުބާރާތުން އަޖުފާން އެކަޑެމީއަށް ލިބުނު ކާމިޔާބީތަކާއެކު އެކަޑެމީ ހިންގަމުންދާ ކުރީގެ ބެޑްމިންޓަން ޗެމްޕިއަން މުހައްމަދު އަޖުފާން "ވަން ސްޕޯޓްސް"އަށް ބުނީ މުބާރާތުން ފެނިގެން ދިޔައީ ކުޅުންތެރިންގެ މަސައްކަތް ކަމަށެވެ.
"މިމުބާރާތުން ފެނިގެން މިދިޔައީ އަޅުގަނޑުމެންގެ ކުދިން ކުރި ހިއްވަރާއި މިންނެތް މަސައްކަތް. މިއަދު އުފަލާއެކު އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވަނީ، މިލިބުނު ކާމިޔާބީތަކުގެ ފަހަތުގައި މިއެކަޑަމީގައި މަސައްކަތްކުރާ ދެ ކޯޗުންގެ ވަރަށް ބޮޑު ހިއްސާއެއް ވާކަން. ހުސެން ރިފާއު (ރިޗަޑް) އާއި އަހްމަދު ނަަދީމް (ނަޑޭ) ކޯޗުންގެ ވަރުބަލި ކަމެއް ނެތި ކުދިން ތަމްރީން ކުރުމުގައި އާއި މުބާރާތް ތެރޭ ކުދިންނަށް ދިން ހިއްވަރުގެ ނަތީޖާ،" އަޖުފާން ބުންޏެވެ.
އަޖުފާން އިތުރަށް ބުނީ އެކަޑެމީގެ މައިގަނޑު މަގުސަދަކީވެސް އަދި މަސައްކަތްކުރަމުން ދަނީ ގައުމީ ފެންވަރުގެ އަދި ދުނިޔޭގެ ފެންވަރުގެ ކުދިންތަކެއް އެކަޑަމީގެ ދަށުން ތަމްރީނު ކުރުމަށް ކަމަށެވެ.
އޭގެ އިތުރުން އަޖުފާން ފާހަގަކުރީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ މުބާރާތުން ދަސްވި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކަށް ( އިންޓަރ ސްކޫލް މުބާރާތަށާއި އަމިއްލަ މުބާރާތް) ކުދިންނަށް އިތުރަށް ބެނުންވާ ތަމްރީނުތައް ދީ، ކުދިން ބިނާކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އައިބާ އެކަޑެމީއަކީ ލެޖެންޑަރީ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ހިންގަމުންދާ އެކަޑެމީއެކެވެ. އަޖުފާނަކީ ގައުމީ ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާ އިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ، ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް