ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް ކަންމަތި އެފްސީއާއި ދިއްފުށި މެންސް ފުޓްސަލް ޓީމު ދަތުރު ކޮށްފިއެވެ.

ކ. ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރެއިން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު، ރޭ ވަނީ ފިރިހެން ޑިވިޝަންގެ ސެމީ ދެމެޗު ކުޅެފައެވެ.

ރޭގެ ފުރަތަމަ ސެމީގައި ކަންމަތިން ބްލެކް އީގަލްސްއާ ދެކޮޅަށް ނުކުތް އިރު، އެ މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަންމަތިންނެވެ. މިހާތަނަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހީމް ރިމާހް (ރިމޭ) ކަންމައްޗަށް ދެ ގޯލު ރޭގެ މެޗުގައި ޖަހައިދިން އިރު، އަނެއް ގޯލުތައް ޖެހީ ހުސައިން ސުހައިލާއި އަހުމަދު ނިޒާމް އަދި ގައިސާން އަބޫބަކުރު މާހިރެވެ.

ބްލެކް އީގަލްސްގެ ގޯލުތައް ރޭ ޖަހައިދިނީ އަހުމަދު ޒިޔާން ރިޒުވީއާއި އަހުމަދު ތޯހިރެވެ.

ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗަކީ ފޯރި ގަދަވާނެ ކަމަށް މާ ކުރިންވެސް ބެލެވިފައި އޮތް މެޗެކެވެ. އެންމެފަހުގެ ޗެމްޕިއަން އެޕޮކަލިޕްސްއާ ދެކޮޅަށް ދިއްފުށިން ނުކުތް މެޗުގައި ގިނަ ގޯލުތަކެއް ފެނިގެން ދިޔައެވެ. މެޗު، 7-4 އިން ދިއްފުށި ކާމިޔާބުކޮށް ފައިނަލް ޔަގީން ކުރި އިރު، މެޗުގެ ފުރަތަމަ ހާފުގައި ދިއްފުށި ފެނުނީ އާދަޔާހިލާފު ރަނގަޅު ފޯމެއްގައެވެ.

ހަލުވި އަވަސް އެޓޭކްތަކަކާއެކު ދިއްފުށިން މެޗު ފަށައި، ހާފު ނިންމާލީ ހަ ގޯލުގެ ލީޑެއްގައެވެ. ޒައިން ޒަފަރު ރޭގެ މެޗުގައި ދިއްފުއްޓަށް ހަތަރު ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު ރިޒުވާނާއި އިބްރާހީމް ޝިނާޒް އަދި އަހުމަދު މާޒިންނެވެ.

އެޕޮކަލިޕްސްގެ އަބްދުﷲ ޝައްފާން (ޝާކާ) ދެވަނަ ހާފަށް ނުކުމެ ހެޓްރިކެއް ހެދި ނަމަވެސް، އެޓީމަށް ފަހަތުން އަރައި ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. އެޕޮކަލިޕްސްގެ ހަތަރު ވަނަ ގޯލަކީ މުހައްމަދު އަފްޒަލް ފޮނުވާލި ބޯޅައެއް ދިއްފުށީގެ މާޒިން ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލައިފައެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.

މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލްވެސް އޮންނާނީ މާދަމާ ރޭގައެވެ.