ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ އަންހެން ޑިވިޝަން ކަމަށްވާ ފެމިނާ ޑިވިޝަންގެ ފައިނަލަށް އެޕޮކަލިޕްސް ސެންޔޯރާއާއި ދިއްފުށި ވުމަންސް ފުޓްސަލް ޓީމު ދަތުރުކޮށްފިއެވެ.
ކ. ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރެއިން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު، މިއީ މުބާރާތުގައި ރަސްމީކޮށް އަންހެން ޑިވިޝަންގެ ކުޅުން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. ކ. އަތޮޅުގެ ފުޓްސަލަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ މިޔަޓުން މި އަހަރުގެ މުބާރާތުގެ ކުރިންވެސް އަންހެން ފުޓްސަލަށް އަތޮޅު ތެރޭގައި ފޯރި އާލާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި ހަތް ޓީމަކުން މިއަހަރު ވާދަކުރަމުންދާ އިރު، ސެމީއަށް ޓީމުތައް ދަތުރު ގްރޫޕް ދެ ގްރޫޕްގެ ފޯރިގަދަ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހުއެވެ. ގައުމީ ލެވެލްގެ އަންހެން ކުޅުންތެރިންނާއެކު މިއަދުގެ ފުރަތަމަ ސެމީ ފައިނަލުގައި ދިއްފުށީ އަންހެން ފުޓްސަލް ޓީމުން ވަނީ 3-1 އިން ކަންމަތި ކުއީންސް ބަލިކޮށްފައެވެ.
މެޗުގައި ދިއްފުށީގެ ގޯލުތައް ފާތިމަތު ސާލިއާއާއި އައިމިނަތު އަޒްމީލާ އަދި މަރިޔަމް ނިޒުލީ ޖަހައިދިން އިރު، ކަންމަތި ކުއީންސްގެ ހަމައެކަނި ގޯލު ޖެހީ އައިމިނަތު ޝުދާއެވެ.
މިއަދު ހަވީރު ކުޅުނު ކުޅުނު ފެމިނާ ޑިވިޝަންގެ ފޯރިގަދަ ދެވަނަ ސެމީ ފައިނަލް މެޗުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވުމާއެކު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެޕޮކަލިޕްސް ސެންޔޯރާ އިން ވަނީ 4-3 އިން މަލްޓި އެކްސް ކޭ.ލިލީސް ބަލިކޮށްފައެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލައިފައެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ދެ މެޗެވެ. އަންހެން ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭގައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް