މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް (އާރުޑީސީ)އާ ގުޅޭގޮތުން ބަލަމުންދާ މައްސަލަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިގެން ބެލުން ހުއްޓައިލައިފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އާރުޑީސީގެ މައްސަލަ ތަހުގީގުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

"މި މައްސަލަ ތަހުގީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގެވި ކަމަށް ބުނެ ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެކެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް ފަރާތަކުން މި ހިދުމަތަށް އަންގާފައި ނުވެއެވެ..،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ދިޔަރެސްއާ ހިއްސާކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ދިޔަރެސް ނޫހުން އެކަމާ ގުޅުންހުރި މައުލޫމާތެއް ހޯދަން އެދިފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ހިންގާ ތަހުގީގުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ދޮގު މައުލޫމާތު ފެތުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އާރުޑީސީގެ އެކައުންޓަކުން 13 މިލިއަން ރުފިޔާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އަދި ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން އާރުޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފަދަ މުއާމަލާތެއް އެއްވެސް އިރެއްގައި އެ ކުންފުނީގެ އެކައުންޓަކުން ހިނގާފައިނުވާނެ ކަމަށެވެ. އޮޑިޓާ ޖެނެރަލް އޮފީހުން ގެންދަނީ ގަވާއިދުން އެ ކުންފުނި އޮޑިޓް ކުރަމުން ކަމަށާއި ކުންފުނީގެ ފައިނޭންޝިއަލް ޕޮލިސީއާ ހިލާފަށް ފައިސާގެ މުއާމަލާތެއް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިނުވާ ކަމަށެވެ.

"މީގެ އިތުރުން އާރުޑީސީއާ ގުޅުންހުރި ފައިސާގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދާކަން ނުވަތަ ތަހުގީގުކުރަން ބޭނުންވާކަން މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) އާއި ދިވެހި ފުލުހުންގެ ހިދުމަތުން މި ކުންފުންޏަށް އަންގާފައެއް ނުވެއެވެ..،" އާރުޑީސީން ބުނެފައިވެއެވެ.

އާރުޑީސީން ބުނެފައިވަނީ އެ ކުންފުނިން ހަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަނީ ގާނޫނާ އެއްގޮތަށް އަދި ކުންފުނިން އެކަމަށް ހަދާފައިވާ ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.

"އެހެންކަމުން ފައިސާއަށް ހިޔާނަތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަކަށް ކުންފުނީގެ މައި އެކައުންޓުން ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯންނާނެ،" އާރުޑީސީން ބުނެފައިވެއެވެ.

ރައްޔިތުން އެ ކުންފުންޏާ ދޭތެރޭ ދެކޭ ގޮތް ބަދަލުކުރުމަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ވެސް އާރުޑީސީން ވަނީ އެދިފައެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވެސް ވަނީ ކުންފުނީގެ ފައިސާ އަމިއްލަ އެކައުންޓުތަކަކަށް ޖަމާކުރި ވާހަކަ ދޮގު ކުރައްވައިފައެވެ.

އޭނާ ވިދާޅުވެފައިވަނީ ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށާއި ބޭންކު މެދުވެރިކޮށް އެފަދަ މުއާމަލާތެއް ކޮށްފައިވާ ނަމަ އެކަން ފެންނަން ހުންނާނެ ކަމަށެވެ.