ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެއްވި 'ދަ ޑިމޮކްރެޓްސް' ރަޖިސްޓާކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހިމަނައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއާތު ފުރިހަމަކޮށްފައިވާތީ ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާގައި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ މި މަހުގެ ހަވަނަ ދުވަހު ބާއްވައި ޕާޓީގެ ނަމާއި ކުލައާއި ލޯގޯ އަދި ވަގުތީ ޗެއާޕާސަނަކު ވަނީ އިންތިހާބުކޮށްފައެވެ.

އީސީން ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމާ އެކު، އެ ޕާޓީއަކީ ރައްޔިތުން މަޖިލީހުގައި ތަމުސީލު ކުރާ ޕާޓީއަކަށް ވެގެންދާނެއެވެ. އެއާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު އިދިކޮޅު ޕީޕިއެމަށް ގެއްލި، އެ މަގާމު ދަ ޑިމޮކްރެޓްސްއަށް ލިބޭނެއެވެ.

އެ ޕާޓީއަށް މިހާރުވެސް މަޖިލީހުގެ 13 މެންބަރަކު ވަނީ ސޮއިކުރައްވައިފައެވެ. އެއީ:

1. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ހަސަންކޮ)

2. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

3. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

4. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)

5. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

6. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު

7. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)

8. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

9. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

10. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގޭ)

11. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު

12. މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން

13. ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

އޭގެ އިތުރަށް ޑިމޮކްރެޓްސް އުފައްދާ ޖަލްސާގައި މައްޗަންގޮޅު މެދު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ނަޝީދާއި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް) ވެސް ސޮއިކުރައްވާނެ ކަމަށް ބަލެވޭތީ، މަޖިލީހުގައި ތިއްބައްވާ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު 15އަށް އަރާނެއެވެ.