ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ އާދިއްތަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، މިމަހު 16 ގައި ރީ ރެޖިސްޓްރޭޝަނަށް ހުޅުވައިލާނީ، ދެގޮތަކަށް ކަމަށެވެ. އެއީ އޮންލައިންގެ އިތުރުން އާއްމުކޮށް ކުރިއަށްގެންދާ، ފޯމު ހުށަހަޅައިގެން ރީރަޖެސްޓްރީ ކުރުމެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އޮންލައިންކޮށް ރީރަޖިސްޓްރީޝަނަށް ހުޅުވައިލާ ފުރަތަމަ ފަހަރެވެ.
"އާއްމުކޮށް އޮންނަ ގޮތަށް ފޯމު ހުށަހަޅައިގެންނާއި، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭގޮތަށް މި ހުޅުވާލަނީ، އެހެންވެސް ޕޯޓަލް ތަކެކޭ އެއްގޮތަށް އޮންލައިން ރެޖިސްޓްރީ ޕޯޓަލްވެސް އޮންނާނީ، އެހެން ނަމަވެސް ލައިވް ފޮޓޯއެއް ދެއްވަން ޖެހޭނެ، އެއާ އެކީގައި އެބޭފުޅެއްގެ އައިޑީކާޑުގެ ފޮޓޯއެއް ހިމަނަން ޖެހޭނެ، ދެން އެބޭފުޅަކު ފުރުއްވަން ޖެހޭ މައުލޫމާތެއް ފުުރުއްވައިފަ ހުށަހެޅުއްވީމަ އިލެކްޝަނުން އެ މައުލޫމާތު ޗެކް ކޮށްފަ އެކްސެޕްޓް ކުރީމަ، ބަލައިގަތީމަ ރީ ރަޖިސްޓްރީ ވެގެންދާނީ، އެބޭފުޅަކު ހުށަހަޅުއްވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތޯ ބަލައި ޗެކްކޮށްފަ ދެގޮތަށްވެސް ރީ ރަޖިސްޓްރީ ކޮށްދޭނީ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، ރީ ރަޖިސްޓްރީކުރަން ލިބޭނީ 16 ޖުލައި އިން، ފަހެއް އޯގަސްޓަށް 21 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެ މުއްދަތުގެ ފަހުން، ގޮތެއް ހަމަޖައްސައި ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވިގޮތުގައި، އެހެން ފަހަރުތަކާ ހިލާފަށް މާލެ، ވިލިމާލެ، ހުޅުމާލެ، މިއިން ކޮންމެ ތަނެއްގައި ހިމެނޭ މީހަކުވެސް އެއިން ތަނަކުން ކޮންމެ ތަނަކަށްވެސް ރީ ރަޖިސްޓްރީ ކުރެވިދާނެއެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ ތިމަންނަމެން އޮންނަނީ ވިލިމާލޭގައޭ ރަޖިސްޓްރީވެފަ، ތިމަންނަމެން ބޭނުމޭ ހުޅުމާލޭގައި ވޯޓުލާން، މިފަހަރު އެކަން އެގޮތަށް ހަމަޖެހިފަ އޮންނާނެ، ހަމަ މާލޭގައި އުޅުއްވާ ބޭފުޅުންނަށް ވެސް ވިލިމާލޭގައި ވޯޓު ލެއްވިދާނެ، މާލޭގައި އުޅުއްވާ ބޭފުޅުންނަށް ހުޅުމާލޭގައިވެސް ވޯޓު ލެއްވިދާނެ، ހަމަ އެގޮތަށް ހުޅުމާލޭގައި އުޅުއްވާ ބޭފުޅުންނަށް ނޫނީ ވިލިމާލޭގައި އުޅުއްވާ ބޭފުޅުންނަށް މާލޭގައިވެސް ވޯޓު ލެއްވިދާނެ ވޯޓުލާ މީހުންނަށް ފަސޭހައެއްގެ ގޮތުގައި މި ހުރިހާ ގޮތަކަށްވެސް އަޅުގަނޑުމެން ހަމަޖައްސައިދެން،"
ފުއާދު ވިދާޅުވީ އިންތިހާބަށް މިހާރު 58 ދުވަސް އޮތް ނަމަވެސް ނޭނގި ތިއްބައި އެ މުއްދަތު ފާއިތުވެދާނެ ކަމަށާއި، އެހެންކަމުން ވޯޓު ލުމުގެ ހައްގު ގެއްލިދާނެ ގޮތެއް ފަހިވާން ފުރުސަތު ނުދިނުމަށް ދުރާލައި ރީ ރަޖިސްޓްރީ ކުރަން ސަމާލު ވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު