ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ

އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)ގެ ގިނަ ކުޅުންތެރިންތަކެއް ފައިނަލް އިވެންޓްތަކަށް ދަތުރު ކޮށްފިއެވެ.

މުބާރާތުގެ ފައިނަލް އިވެންޓްތައް މިއަދު ހެނދުނުން ފެށިގެން ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުތަކުގައި ކުރިއަށްދާ އިރު، އައިބާގެ ގިނަ އެތުލީޓުންތަކެއް ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. އެގޮތުން ޑަބަލްސް އިވެންޓްތަކުގެ ތެރެއިން 11 އަހަރުން ދަށުގެ ކެޓަގަރީން އަންހެން އަދި ފިރިހެން އިވެންޓުންވެސް އައިބާގެ ކުޅުންތެރިން ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. ޑަބަލްސް 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން، 15 އަހަރުން ދަށުގެ އަންހެން އިވެންޓްގެ ފައިނަލަށްވެސް އައިބާގެ ކުޅުންތެރިން ވަނީ ދަތުރު ކޮށްފައެވެ.

ޑަބަލްސްގައި ޖުމުލަ ނުވަ ފައިނަލެއް ކުޅޭ އިރު، ފަސް ފައިނަލެއްގައި އައިބާގެ ކުޅުންތެރިން ވާދަކުރާނެއެވެ.

އޭގެ އިތުރުން ސިންގަލްސް ފައިނަލަށްވެސް އައިބާގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ދަތުރު ކޮށްފައެވެ. އެއީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓާއި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފައިނަލުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓްތަކުގެ ފައިނަލަށެވެ.

ޖޫނިއާ މުބާރާތުގައި މިއަދު ސިންގަލްސް ކެޓަގަރީތަކުން ޖުމްލަ 10 މެޗު ކުޅޭ އިރު އައިބާ އެކަޑަމީގެ އެތުލީޓުން ހަތަރު މެޗެއްގައި ވާދަކުރާނެއެވެ. މިހާތަނަށް ޖޫނިއާ މުބާރާތުން ފެނުނު އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި އައިބާ އެކަޑެމީގައި ތަމްރީނުވަމުންދާ އެތުލީޓުން ހިމެނެއެވެ.

އައިބާ އެކަޑެމީއަކީ ލެޖެންޑަރީ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ހިންގަމުންދާ އެކަޑެމީއެކެވެ. އަޖުފާނަކީ ގައުމީ ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާ އިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ، ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ.

އަޖުފާންގެ ކެރިއަރުގައި މިހާރު އެކަޑެމީގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، އޭނާގެ ތަޖުރިބާއިން ޒުވާން ޖީލެއް ބިނާކުރުމަށް މިހާތަނަށްވެސް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.