ގާނޫނަށް އިސްލާހު ގެނަސްފައިވާގޮތަށް، އެހެންމީހެއްގެ އެހީތެރިކަމަކާ ނުލައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލައަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭގޮތް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެހީތެރިޔަކާ ނުލައި ވޯޓު ލުމުގެ ހައްގު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ހޯދައިދިނުމަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށާއި، 45 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށް، ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކުރީ މިދިޔަ ޖޫން މަހުގެ 19 ގައެވެ. މި ބިލު ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ ޖޫން 22 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އިތުރު މީހެއްގެ އެހީތެރިކަމާ ނުލައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންވާ މީހަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވޯޓު ލުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"ވޯޓު ކަރުދާހާ އެކީގައި އެމީހުންނަށް ދޭނެ ޕްލާސްޓިކު ޓެމްޕްލޭޓެއް، އެ ޓޭމްޕްލޭޓުން އެނގޭނެ އެ ކެންޑިޑޭޓެއްގެ ނަންބަރުތަކާއެއްޗެހި، އެހެންވީމާ އެކަން ކުރަންވާ ގޮތް އެމީހުން ކައިރީގައި ބުނެދެވޭނެ،"

ގާނޫނުގައި ބުނެފައި ވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށްފަހު، އޭނާ ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަންދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫންވެސް މީހަކު އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށެވެ. އަދި އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އޭނާ ވޯޓު ފޮއްޓަށް ވޯޓުލާން ދާން ވާނީ، ޓެމްޕްލޭޓުން ވޯޓު ކަރުދާސްކޮޅު ނެގުމަށްފަހު، ވޯޓުގެ ސިއްރުކަން ނުގެއްލޭ ގޮތަށް ވޯޓު ކަރުދާސްކޮޅު ފަށްޖަހައިގެން ކަމަށް ވެސް ބުނެފައިވެއެވެ.