ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ ދެ ޖާގަ، އެންމެފަހުގެ ޗެމްޕިއަން އެޕޮކަލިޕްސްއާއި ބްލެކް އީގަލްސް ހޯދައިފިއެވެ.

ކ. ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރޭން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު، މިރޭ ވަނީ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލްގެ ވާދަވެރި މެޗުތަކުގެ ކުޅުން ފަށައިފައެވެ. މިހާތަނަށް ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު ނިމިފައިވާ އިރު، ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރީ ބްލެކް އީގަލްސްއާއި ހުދުރަންފުއްޓެވެ.

އެ މެޗު 4-0 އިން ކާމިޔާބުކޮށް ބްލެކް އީގަލްސްއިން ސެމީ ޔަގީންކުރީ ރަނގަޅު ކުޅުމަކާއެކުގައެވެ. މެޗު ފެށިގެން ފުރަތަމަ ހާފުގައިވެސް ބްލެކް އީގަލްސްއިން މެޗު ޑޮމިނޭޓްކޮށް ކުޅެމުން ދިޔަ އެޓީމުން ވަނީ ރަނގަޅު ހަމަލާތަކެއްވެސް އުފައްދައިފައެވެ.

މުހައްމަދު ތޯހިރުގެ ގިނަ ހަމަލާތަކެއް މެޗުގެ ފުރަތަމަ ހާފުގައިވެސް ފެނިގެން ގޮސްފައިވާ އިރު، ކުރީކޮޅުގައި އޭނާގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ. ރަނގަޅަށް ކުޅެމުންދިޔަ ބެލްކެ އީގަލްސްއިން މެޗުގެ ލީޑު ނެގީ ހާފު ނިމެން ދަނިކޮށް ހުދުރަންފުށީގެ ގޯލްކީޕަރު އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ނަޒީފް ހަނީފް (ނަޒިއްޓެ) އެވެ.

އެ ގޯލާއެކު ރަނގަޅަށް ހާފު ނިންމާލި ބްލެކް އީގަލްސްއިން ދެވަނަ ހާފުގައި ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ތޯހިރު ވަނީ ބްލެކް އީގަލްސްއަށް ނަތީޖާ އިތުރަށް ފުޅާކޮށްދީފައެވެ. އޭގެ ފަހުން ރަނގަޅަށް މެޗު ކޮންޓްރޯލްކޮށް، ބްލެކް އީގަލްސްއިން އިތުރު ގޯލުތައް ޖަހައި ފަރަގު ބޮޑުކުރިއެވެ. އެ ގޯލުތައް ޖެހީ ނަޒިއްޓެގެ އިތުރުން އީސާ ނަސްއަތު އިބްރާހީމެވެ.

މިރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އެޕޮކަލިޕްސްއިން ފަހަތުން އަރައި އެމްޕަޔާ އެސްސީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުގައިވެސް ރާއްޖޭގެ ފުޓްސަލްގައި ނަން މަޝްހޫރު ކުޅުންތެރިން ތިބި އިރު، އަވަސް އަވަސްކޮށް ހަމަލާތައް ފެނިގެން ދިޔައެވެ.

ދެކޮޅުންވެސް އެޓޭކިން ރަނގަޅު ގޭމެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ އެމްޕަޔާ އެސްސީންނެވެ. އެޓީމުގެ ގޯލު ރަނގަޅު ކުޅުމަކާއެކު ޖަހައިދިނީ އިސްމާއީލް ނަޒީހެވެ.

ގޯލަށްފަހު އެމްޕަޔާއިން ލީޑު ހިފަހައްޓަން ރަނގަޅަށް ޑިފެންސް ކުރި ނަމަވެސް އެޕޮކަލިޕްސް ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ. ހާއްސަކޮށް އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަބްދުﷲ ޝައްފާން (ޝާކާ)ގެ އިތުރުން އަލީ ޝިޔާހްގެ އެޓޭކް ފެނުނީ ކޮމްބިނޭޝަން ރަނގަޅުކޮށެވެ. ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ހަލުވި އެޓޭކްތަކެއް އެޕޮކަލިޕްސް ފަރާތުން ފެނިގެން ގޮސްފައިވާ އިރު، އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޝާކާގެ ޕެނަލްޓީއެއްގައެވެ. އަދި އަނެއް ދެ ގޯލު ޖެހީ ކައުންޓާ އެޓޭކްގައި ފަހިކުރި ރަނގަޅު ފުރުސަތުތަކުގައެވެ.

މިރޭ އިތުރު ކުއާޓާ ފައިނަލް ދެ މެޗު ކުޅެވޭނެއެވެ. އެއީ ކަންމަތި އެފްސީއާއި ހިންމަފުށި އެފްސީ ވާދަކުރި މެޗާއި، ގާފަރު އެފްޓީއާއި ދިއްފުށި މެންސް ފުޓްސަލް ޓީމް ވާދަކުރާ ކުއާޓާ ފައިނަލް މެޗުތަކެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލައިފައެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑއަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.