ކެންސަރު ދެނެގަތުމަށް ބޭނުންކުރާ މެޝިން ގަތުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ. އަދި އައިޖީއެމްއެޗުގެ ފަރާތުން ސީއީއޯ އިބްރާހީމް ސަލީމް ސޮއިކުރެއްވި އިރު، އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދެވެ.

ހެލްތު މިނިސްޓްރީއާއި އެސްޓީއޯއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގެންނަނީ އެސްޓީއޯ މެދުވެރިކޮށެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް އަދި ރާއްޖޭގައި ގާއިމުކުރެވިފައެއް ނުވެއެވެ. ކެންސަރު ބައްޔަށް ޓެސްޓުކުރަން އާސަންދައިގެ ދަށުން ކޮންމެ އަހަރަކު 1،000 މީހުން ރާއްޖެއިން ބޭރަށް ދެއެވެ.