ކ. މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކުރީޓު ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ ކޮންކުރީޓު ގާ އެތުރުމުގެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.

މާފުށީ ބަނދަރު ތަރައްގީރުކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުއެވެ. ސަރުކާރުން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 76.48 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ ފަޅުން 28,836 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.