މި އަހަރުގެ ނޮވެމްބަރު މަހު ތައިލެންޑްގައި ބާއްވަން ހަމަޖެހިފައި އޮތް ހަވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އަންނަ އަހަރަށް ފަސްކުރަން ނިންމައިފިއެވެ.
އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ފުރަތަމަ ބާއްވަން ތާވަލު ކޮށްފައި އޮތީ 17-26 އަށް ތައިލެންޑުގެ ބެންކޮކް އަދި ޗޮމްބުރީގައެވެ. އެ ގޭމްސް އަންނަ އަހަރު ބާއްވަން ނިންމާފައިވަނީ މިދިޔަ ހަފުތާގައި ކުރިއަށްދިޔަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އަހަރީ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި އަންނަ މަހު އިންޑޮނޭޝިއާގެ ބާލީގައި ބާއްވަން ހަމަޖައްސާފައި އޮތް އެނޮކް ވޯލްޑް ބީޗް ގޭމްސް މިއަހަރު ކެންސަލް ކުރަންވެސް ވަނީ ނިންމައިފައެވެ.
އެންމެ ފަހުން ބޭއްވި އޭޝިއަން އިންޑޯ ގޭމްސްގައިވެސް ރާއްޖެއިން ވާދަކުރިއެވެ. 2017 ވަނަ އަހަރު ތުރުކްމިނިސްތާންގެ އަޝްބަގަތުގައި އޮތް ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި 37 އެތުލީޓުން ވާދަކުރިއެވެ.
ރާއްޖެއިން ވާދަކުރި ކުޅިވަރުތަކަކީ ފުޓްސަލް، ބިލިއާޑް، ފެތުން، ޗެސް އަދި އިންޑޯ އެތުލެޓިކްސް އެވެ. މީގެ ތެރެއިން އެތުލެޓިކްސް އާއި ފުޓްސަލް ފިޔަވައި ބާކީ ތިން ކުޅިވަރުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންވެސް ވާދަކުރިއެވެ.
އެފަހަރުގެ ގޭމްސްއިން ރާއްޖެއަށް މެޑެއްޔެއް ނުހޯދުނު ނަމަވެސް، ގިނަ ކުޅިވަރު ތަކަކުން ކުރިއެރުންތައް ހޯދިއެވެ. އެގޮތުން ފެތުމުގެ ގައުމީ ރެކޯޑުތަކެއް ހެދުމުގެ އިތުރުން ޗެސްގައިވެސް ރަނގަޅު މޮޅުތަކެއް ހޯދިއެވެ. ބިލިއާޑްގައި ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މޮޅުވެސް ހޯދީ އެ ގޭމްސްގައެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ