އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އެ ކުންފުނިން ކުއްޔަށް ހިފި، ބޮޑު ޑްރެޖަރު ރާއްޖެ ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި ބެލްޖިއަމްގެ ކުންފުންފުންޏެއްގެ އުޅަނދެއް ކަމަށްވާ "ފިލީޕޯ ބްރޫނެލޭޝީ" ރާއްޖެ ބަނދަރު ކުރީ މިއަދު ހެނދުނުއެވެ. އަދި ޑްރެޖަރު މި ވަގުތު އޮތީ ހއ. އުލިގަމު ކައިރީގައެވެ.

އެމްޓީސީސީގެ ފްލީޓުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު، މަހާޖައްރާފުން ތިން ދުވަހުން ހިއްކޭ ތަނެއް އެއް ދުވަހުން ހިއްކޭވަރުގެ ގާބިލުކަން ލިބިފައިވާ މި ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކަން ނިންމާފައިވަނީ ހއ. އިހަވަންދުއެވެ. އެ ރަށުން 25 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން އަށް ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

އެމްޓީސީސީން ކުއްޔަށް ގެނައި ޑްރެޖަރަކީ ދިގުމިނުގައި 142.5467 ފޫޓު އަދި ފުޅާ މިނުގައި 90 ފޫޓު ހުންނަ އުޅަނދެކެވެ. އެ އުޅަނދުން 38 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާއިރު، 11،300 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ލޯޑްކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ.

މި ޑްރެޖަރުން ނުވަ ރަށެއް ހިއްކަން ވަނީ ނިންމައިފައެވެ. އެއީ އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ.