ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓިތަކަށް ނިސްބަތްވާ މެންބަރުންނާއި، މިނިވަން މެންބަރުން ހިމެނެންޖެހޭ ގޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދު ފާސްކޮށްފައިވާގޮތުން ދާއިމީ ކޮމިޓީތަކުގައި ހިމެނޭ 183 ސްލޮޓްގެ ތެރެއިން 113 ސްލޮޓް މެޖޯރިޓީ ޕާޓީ އެމްޑީޕީއަށް ލިބިއްޖެއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި އޮތީ، މަޖިލީހުގެ ގަވާއިދުގައި ބުނާ އެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީ އާއި، ގާނޫނުއަސާސީގައި ހިމެނޭ ސަލާމަތީ ހިދުމްތަތަކާ ބެހޭ ކޮމިޓީ، (241 ކޮމިޓީ) ގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އެކުލެވެންޖެހޭ ގޮތް ފާސްކުރުމެވެ.
މަޖިލިސް ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާގޮތަށް ބަދަލު ގެންނަން ޖެހެނީ، އެމްޑީޕީގެ 15 މަޖިލިސް މެންބަރުން އެ ޕާޓީން ވަކިވުމާއި އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހަމީދު ޖޭޕީން ވަކިވެ އެމްޑީޕީއާ ގުޅުމާއި، އެމްޑީޕީ މެންބަރެއްގެ ގޮތުގައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒް އިންތިހާބު ވުމާއި، އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެން ކޮމިޓީތަކަށް އައި ބަދަލާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި، ދާއިމީ 16 ކޮމިޓީ އާއި 241 ކޮމިޓީގައި މެންބަރުން އެކުލެވިފައިވާ ގޮތާ ބެހޭގޮތުން، މަޖިލީހުގެ ޓޭބަލް އޮފީހުން މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓަށް 10 އިސްލާހެއް ހުށަހެޅިއެވެ. އޭގެ ތެރެއިން ނުވަ އިސްލާހަކީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މިހާރު މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި، މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ހުށަހެޅި އިސްލާހުތަކެވެ. ދެން މި މައްސަލައަށް އިސްލާހެއް ހުށަހެޅުއްވީ، އަމިއްލަ މެންބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.
އަލީ އާޒިމާއި އާދަމް ޝަރީފް އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި އެސްއޯއީ ކޮމިޓީ އާއި 241 ކޮމިޓީ އާއި އާއްމު ކޮމިޓީގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގެއްލުވާލައި އެ ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައިވެސް އެމްޑީޕީގެ މެންބަރުން ނުހިމެނޭ ގޮތް ހެދުމަށެވެ.
މުހައްމަދު ނަޝީދު އަބުދުﷲ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ، މަޖިލިސް މެންބަރެއްގެ ގޮތުގައި ހޭދަކުރާ ފަސް އަހަރުގެ ދައުރުގެ ތެރޭގައި، އެއިން ކޮންމެ ކޮމިޓީއެއްގައިވެސް މަދުވެގެން އެއްފަހަރު ތަމްސީލު ކުރާނެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ.
އެހެންކަމުން ޓޭބަލް އޮފީހުން މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ދެ އޮޕްޝަންގެ ތެރެއިން އޮޕްޝަން އެކަކަށް ރިޔާސަތުން ވޯޓަށް އެހިއެވެ.
އެއީ އެމްޑީޕީން ވަކާލާތު ކުރަމުން އައި ގޮތަށް، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ކޮމިޓީތަކުގެ ބޮޑު ޕަސެންޓެއް ލިބޭގޮތަށް އޮތް ނިންމުމެވެ. އެ ނިންމުން ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ނިންމުން ފާސްކުރަން ނުފެންނަކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.
އެ ރިޕޯޓުގެ އޮޕްޝަން އެކެއްގައި ވާގޮތުން، މަޖިލީހުގައި 54 މެންބަރުންނާއެކު 62 ޕަސެންޓް ހިއްސާކުރާ އެމްޑީޕީއަށް ކޮމިޓީތަކުގެ 113 ސްލޮޓް، ފަސް މެންބަރުންނާއެކު ހަ ޕަސެންޓް ތަމްސީލުކުރާ ޕީޕީއެމަށް ލިބިފައިވަނީ 11 ސްލޮޓެވެ. އަދި މަޖިލީހުގައި ތިން މެންބަރުންނާއެކު ތިން ޕަސެންޓް ހިއްސާކުރާ ޕީއެންސީ އާއި އެމްއެންޕީން ކޮންމެ ޕާޓީއަކަށް ލިބިފައިވަނީ ހަތް ސްލޮޓެވެ. ދެ މެންބަރުންނާއެކު މަޖިލީހުގައި ދެ ޕަސެންޓް ތަމްސީލު ކުރާ ޖޭޕީ އާއި އެމްޑީއޭއިން ކޮންމެ ޕާޓީއަކަށް ލިބިފައިވަނީ ފަސް ސްލޮޓެވެ. އަމިއްލަ 18 މެންބަރުންނާއެކު މަޖިލީހުގެ 21 ޕަސެންޓް ހިއްސާކުރާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ 35 ސްލޮޓެވެ.
- އާއްމު ކޮމިޓީ: އެމްޑީޕީ 9، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ، އަމިއްލަ 1
- ޕެޓިޝަން ކޮމިޓީ: އެމްޑީޕީ 6، އަމިއްލަ 2
- އިމްތިޔާޒާއި ސުލޫކު ކޮމިޓީ: އެމްޑީޕީ 7، އަމިއްލަ 3، ޕީއެންސީ، ޖޭޕީ، އެމްޑީއޭ 1
- ގަވާއިދު ކޮމިޓީ: އެމްޑީޕީ 6، އަމިއްލަ 2، ޕީޕީއެމް، އެމްޑީއޭ 1
- މާލިއްޔަތު ކޮމިޓީ: އެމްޑީޕީ 9، އަމިއްލަ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، އެމްޑީއޭ 1
- އިގްތިސާދީ ކޮމިޓީ: އެމްޑީޕީ 8 އަމިއްލަ 2، ޕީޕީއެމް، ޕީއެންސީ، ޖޭޕީ، އެމްޑީއޭ 1
- އިޖްތިމާއީ ކޮމިޓީ: އެމްޑީޕީ 5، އަމިއްލަ 3، ޕީޕީއެމް 1
- މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: އެމްޑީޕީ 8، އަމިއްލަ 2، އެންއެންޕީ 1
- ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ: އެމްޑީޕީ 7، އަމިއްލަ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ 1
- ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ: އެމްޑީޕީ 5، އަމިއްލަ 3
- ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: އެމްޑީޕީ 8، އަމިއްލަ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ 1
- ލާމަރުކަޒީ ކޮމިޓީ: އެމްޑީޕީ 6، އަމިއްލަ 3 ޕީޕީއެމް 1
- ޖުޑިޝަކީ ކޮމިޓީ: އެންޑީޕީ 7، އަމިއްލަ 2 ޕީޕީއެމް، އެމްޑީއޭ 1
- އެންވަޔަރަންމަންޓް އެންޑް ކްލައިމެޓްޗޭންޖު ކޮމިޓީ: އެމްޑީޕީ 7 އަމިއްލަ 2 ޖޭޕީ 1
- ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީ: އެމްޑީޕީ 7 އަމިއްލަ 2، އެމްއެންޕީ 1
- އެސްއޯއީ ކޮމިޓީ: އެމްޑީޕީ 8، އަމިއްލަ 2، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، 1
ސަތާރަ މެންބަރުން ހިމެނޭ 241 ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ 10 މެންބަރުންނާއި، އަމިއްލަ ދެ މެންބަރުންނާއި، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، ޖޭޕީ، އެމްޑީއޭ، މީން ކޮންމެ ޕާޓީއަކުން ހިމެނެނީ އެންމެ މެންބަރެކެވެ.
ކޮމިޓީތަކަށް ޕާޓީތަކުގައި މެންބަރުން ނިސްބަތްވާ އަދަދަށް، ކޮމިޓީތަކުގައި ހިމަންޖެހޭ މެންބަރުންގެ ނަންތަކުގެ ލިސްޓެއް މިރޭ 9:00 ގެކުރިން މަޖިލީހަށް ހުށަހެޅުމަށް ޕާޓީތަކުގެ ޕީޖީ ގްރޫޕުގެ ލީޑަރުންނަށް މަޖިލީހުން ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު