ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން ކޮރަޕްޝަނާއި ނޭއްގޭނީ ކަންތައްތައް ހިންގުމަށް އޮތް ފުރުސަތު ހަނިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އިދާރާތަކުން ހިދުމަތް ހޯދާ "ވަންގަވް" އިފުތިތާހުކުރުމަށް ސަލްޓަން ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ "ވަންގަވް"އަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމަށެވެ. އަދި ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން ކޮރަޕްޝަން މަދުވެ، ކަރުދާސް ބޭނުންކުރަން ޖެހޭ މިންވަރު މަދު ކުރެވިގެންދާނެ ކަމަށެވެ.
"މި ޑިޖިޓަލް ސްޓްރެޓެޖީގެ ސަބަބުން ކޮރަޕްޝަންގެ ނޭއްގާނީ އަމަލުތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދިއުން. އަނެއްކަމަކީ، ސަރުކާރުގެ ހިދުމަތްތައް ލިބިގަތުމުގައި، ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު ވަރަށްބޮޑަށް ކުޑަވުން. މިއީ، އިގުތިސޯދީ އަދި ތިމާވެށީގެ ނަޒަރުން ބަލާއިރުވެސް ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީތަކާއެކު އުފެދޭނެ ކަންބޮޑުވުންތަކެއްވެސް ހުންނާނެ ކަމަށާއި އެގޮތުން ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކުރެވޭނެ މިންވަރާ މެދު ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ. ނަމަވެސް "ވަންގަވް" ފަރުމާކޮށްފައިވަނީ ޒަމާނީ، އީޖާދީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށް، ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"ވަންގަވްއިން ހިދުމަތް ދޭއިރު، ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކުރުމުގެ ހުއްދައަށް އެދޭނެ. އެ ހިދުމަތެއް ފޯރުކޮށްދޭނީ، އެ މީހާގެ ޒާތީ މައުލޫމާތު ބޭނުންކުރުމުގެ ހުއްދަ، އީ ފާސް މެދުވެރިކޮށް، އެ މީހަކު އަމިއްލައަށް ދިނުމުން. އެހެންކަމުން، ދިވެހި ކޮންމެ ރައްޔިތަކުވެސް އީ ފާސް ހެދުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ނިޒާމުގެ އެންމެ ބޮޑު ފައިދާއަކީ، ސަރުކާރުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް، ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކަށް ދާން ނުޖެހުން ނުވަތަ މައުލޫމާތު ހޯދުމަށްޓަކައި އިދާރާތަކަށް ގުޅަން ނުޖެހުން ކަމަށެވެ. އަދި ޑިޖިޓަލް ސަރުކާރު ހިނގައިގަންނަ އިރު، "ވަންގަވް"ގެ ސަޕޯޓް ސެންޓަރުތަކެއް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު