ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ އަންހެން ޑިވިޝަން ކަމަށްވާ ފެމިނާ ޑިވިޝަންގެ ސެމީ ފައިނަލް މެޗުތަކަށް، އަދި ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.

ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރޭން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު، މިއީ މުބާރާތުގައި އަންހެން ޑިވިޝަން ކުޅެމުންދާ ފުރަތަމަ ފަހަރެވެ. ފިރިހެން ޑިވިޝަނުގައި 15 ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް ސްޓޭޖު ފެނުނީ ފޯރިގަދަކޮށެވެ.

އަންހެން ޑިވިޝަންގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު، ސެމީގެ މެޗުތައް ކުޅޭނީ ބުދަ ދުވަހުއެވެ. ފެމިނާ ޑިވިޝަންގެ ސެމީ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު 4:30 ގައި ދިއްފުށި ވުމަންސް ފުޓްސަލް ޓީމް ނުކުންނާނީ ކަންމަތީ ކުއީންސްއާ ދެކޮޅަށެވެ. އަދި އެ ދުވަހު 5:15 ގައި ފަށާ މެޗުގައި އެޕޮކްލިޕްސް ސެނޯރާ ނުކުންނާނީ މަލްޓި އެކްސް ކޭ ލިލީސްއާ ދެކޮޅަށެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާގެ ފެމިނާ ޑިވިޝަނުގެ ޓީމުތަކުން އަންހެން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދެއެވެ. ގްރޫޕް ސްޓޭޖުގައި އެކުޅުންތެރިންގެ ވިދުން ގަދަކަންވެސް ފާހަގަވިއެވެ.

ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ތަރިން ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައިވެސް ވިދުން ގަދަކޮށް ފާހަގަކޮށްލެވުނު އިރު، ފިރިހެން ޑިވިޝަންގެ ކުއާޓާ މެޗުތައް މާދަމާ ރޭ އޮންނާނެއެވެ. އަދި ފެމިނާ ޑިވިޝަންގެ ސެމީ ފައިނަލް މެޗު އޮންނަ ބުދަ ދުވަހުގެ ރޭ ފިރިހެން ޑިވިޝަންގެ ސެމީ މެޗުތައްވެސް އޮންނާނެއެވެ.

8:15 ބްލެކް އީގަލްސް - ހުދުރަންފުށި

9:10 އެމްޕަޔާ އެސްސީ - އެޕޮކަލިޕްސް

10:05 - ކަންމަތި އެފްސީ - ހިންމަފުށި އެފްސީ

11:00 ގާފަރު އެފްޓީ - ދިއްފުށި މެންސް ފުޓްސަލް ޓީމް

މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލާފައެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑއަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.