ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ފަށައި، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ އިސްލާހުތަކަށް ވޯޓަށް އަހަން ފަށައިފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، މަޖިލީހުގެ ދާއިމީ 16 ކޮމިޓީ އާއި، ސަލާމަތީ ހިދުމްތަތަކާބެހޭ ކޮމިޓީގައި މެންބަރުން އެކުލެވިފައިވާ ގޮތަށް 10 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

މިއީ އެމްޑީޕީން އެދިގެން ބާއްވާ ޖަލްސާތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، ހުސްވި ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިއުމުން ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް ބާއްވައިދިނުމަށް އެމްޑީޕީން ހުށަހެޅީ، ގަވާއިދުވެސް ބުނާ ގޮތުން މަޖިލީހުން ނިންމަން ޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމެނެއެވެ. އެ ދެ މައްސަލަވެސް ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތު މިހާރު ވަނީ ފާއިތުވެ ގޮސްފައެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން ތިންކަމެއް ނިންމައިދިނުމަށް އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ. އެއީ މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރުގެ މައްސަލައިގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން މެންބަރުން ހިމެނިފައިވާ ގޮތަށް އަންނަ ބަދަލު މަޖިލީހުން ފާސްކޮށްދީގެން، މިހާރު ހުއްޓިފައިވާ ކޮމިޓީތަކުގެ މަސައްކަތް ފެށޭނެ ގޮތެއްް ހަމަޖައްސައިދިނުމާއި މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމެވެ.

މަޖިލިސް ގަވާއިދަށް އިސްލާހު ގެންނަން އެމްޑީޕީން ހުށަހަޅާފައިވަނީ، މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ މައްސަލަ އެކުއެކީގައި ހުށަހަޅާފައިވާތީ، އެއިން އެއްވެސް ބޭފުޅަކަށް ޖަލްސާގެ ރިޔާސަތުގައި ނީނދެވޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވާ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެގޮތުން އެ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތަށް އެހެން މެންބަރަކު ގެނެވޭނެ ގޮތް އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.

އެމްޑީޕީން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ހަމައެކަނި ޕާޓީތަކުގެ މައްސަލައެވެ. އެއީ އެމްޑީޕީގެ 29 މެންބަރަކު ސޮއިކޮށް ދައުރުން ބޭރުން ޖަލްސާތައް ބާއްވައިދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ބޭއްވި ފުރަތަމަ ޖަލްސާގައިވެސް އެޖެންޑާ ކޮށްފައި އޮތް މައްސަލައެކެވެ.