ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ދައުރުގައި ށ. ފޯކައިދުއަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކޮށް، އަންނަ ދައުރަށް ބޯހިޔާވަހިކަމާއެކު އާ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
ރައީސް ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގެ ތެރޭގައި ފޯކައިދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކަނބަލުން މޫދަށް އެރޭނެ ބީޗެއް ހަދައިދޭން އެދުނު ކަމަށާއި މިއަދު ކޮންޓްރެކްޓުގައި ސޮއިކުރެވި، އެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ.
"2018 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް ފޯކައިދުއަށް މި ސަރުކާރުން ވީ ވައުދުތައް ސަތޭކަ އިން ސަތޭކައަށް ފުރިހަމަވެ، އިރާދަކުރެއްވިއްޔާ މި ނިމުނީ. ކުރިއަށްއޮތް ތަނުގައި މި ރަށަށް ބޭނުންވާ ކަންކަމުގެ ލިސްޓެއް ކައުންސިލުގެ ރައީސް ވިދާޅުވި. އަޅުގަނޑު ހީކުރީ އެހެން ރަށްރަށުން އެ އަންނަ ކަހަލަ ދިގު ލިސްޓެއް އަތުވެދާނެ ކަމަށް. ނަމަވެސް އެންމެ ތިން ކަންތައް ވިދާޅުވެދެއްވީ. އެއް ކަމަކީ މަގުތައް ހަދައި ނިންމުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް މިއޮތް ދައުރުގައި މި ރަށުގެ ބޮޑެތި މަގުތައް ތާރު އަޅައި މި ޒަމާނުގެ ފެންވަރަށް ހަދައި ނިންމައިދޭނަން. ދެން އެދިވަޑައިގެންނެވި ކަމަކީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރިވެޓްމަންޓް ޖަހައި އެކަން ކޮށްދިނުމަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ލިސްޓުގައި އެކަން ވެސް އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފޯކައިދޫ ރައްޔިތުންނަށް ބޭނުންވެފައި އޮތް ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި މި ރަށުގައި ފުލެޓު ނޫނީ ރޯހައުސް ހަދައިދެއްވާނެ ކަމަށާއި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ނިންމަންވީ ގޮތް ފޯކައިދޫ ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
"އަޅުގަނޑު ވައަތް ފަރާތުން މި ފެންނަ ބަނދަރާއި ކުރިމަތީގައި އެ ހުރި އިންޖީނުގެ އާއި ރަށަށް އަރާއިރު މިއޮތް ބޮޑު މަގުގެ ކަނާއަތް ފަރާތުގައި އެ އޮތް ފުޓުބޯޅަ ދަނޑާއި ވައަތް ފަރާތުގައި އެ އޮތް އިންޑޯ ޖިމާއި ދެން އެ ހުރި ސިއްހީ މަރުކަޒާއި އަދި ކުރިއަށް ޖެހިލާއިރު ކަނާއަތް ފަރާތުގައި އެ ހުރި ސްކޫލާއި މި ތަންތަނަށް މި އަންނަ ބަދަލުން ހަމަގައިމުވެސް މި ރަށުގެ ރައްޔިތުންނަށް ކަން ނިންމަންވީ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މި ރަށުގެ ބިމު އަޑީގައި ދައުރުވަމުން އެދަނީ ފެނާއި ނަރުދަމާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ފޯކައިދުއަށް ވަޑައިގެން، މިއަދު ހަވީރު އެމަނިކުފާނު ވަނީ އެ ރަށުގައި ތަރައްގީކުރި ބަނދަރު ހުޅުއްވައިދެއްވައި، ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ފައްޓަވައިދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު