މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާނީ 604 ވޯޓު ފޮށިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ބަހެއްޓުމަށް ހަމަޖެހިފައިވަނީ 138 ވޯޓު ފޮށި ކަމަށާއި ހުޅުމާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 39 ވޯޓު ފޮށި ކަމަށެވެ.
ވިލިމާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 10 ވޯޓު ފޮށި ކަމަށާއި އަތޮޅުތަކުގައި ބަހައްޓާނީ 319 ވޯޓު ފޮށިކަމަށް ހަބީބު ވިދާޅުވިއެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 78 ވޯޓު ފޮށި، މާލޭ ޖަލުގައި ދެ ވޯޓު ފޮށި، އައްސޭރި ޖަލު، ހުޅުމާލެ ޖަލު، ދޫނިދޫ ޖަލު، ހުޅުލޭ އަދި ތިލަފުށީގައި ބަހެއްޓުމަށް ހަމަޖެހިފައިވަނީ އެއް ވޯޓު ފޮށި ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންޑިއާގެ ދިއްލީ އަދި ޓްރިވެންޑްރަމްގައި އެއް ވޯޓު ފޮށި، މެލޭޝިއާއަގައި ދެ ވޯޓު ފޮށި ސިންގަޕޫރުގައި އެއް ވޯޓު ފޮށި އަދި ސްރިލަންކާގެ ކޮލަމްބޯގައި ހަތަރު ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
ތައިލެންޑުގެ ބެންކޮކް، ޔޫއޭއީގެ އަބޫދާބީ، ޖަޕާންގެ ޓޯކިޔޯ އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި އެއް ވޯޓު ފޮށި ބަހައްޓާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލު މިރޭ އިއުލާންކުރާނެ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވާދަކުރައްވާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓު ހަވާލުކުރައްވާފައިވަނީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.
އަލަށް އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު