ށ. ފޯކައިދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.
ރައީސް، ފޯކައިދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ފޯކައިދުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ވަޒީރުން އަދި ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފޯކައިދޫ ފެނުގެ ނިޒާމަކީ ޔޫއެންޑީޕީގެ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގައި ޕްލޭނިން މިނިސްޓްރީން އިންޑިއާގެ ވޯޓާ އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ، މި މަޝްރޫއަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ފޯކައިދޫގެ ނަރުދަމާގެ ނިޒާމަކީ ސަރުކާރުން ހަރަދުކޮށްގެން ޕްލޭނިން މިނިސްޓްރީން މޯހަން މުތާ އެކްސްޕޯޓްސް ޖޭވީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއަކީ 16.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ،
މި މަޝްރޫއުގެ ދަށުން ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓް ފޯލް އެޅުމާއި މުޅި ރަށުގައި ނަރުދަމާގެ ވިއުގަ އެޅުމުގެ އިތުރުން ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު