ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ، އެމްޑީއޭ، އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަންގެ މެންބަރުންގެ އަދަދު 90،000 އަށް އިތުރު ކުރެއްވުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓެވުމަށް ކޯލިޝަން ޕާޓްނަރުންނާ އެކު ށ. މަރޮއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަތް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ނުވައެއް ސެޕްޓެމްބަރުގައި ރިޔާސީ އިންތިހާބަށް އަންނައިރު، ރަޖިސްޓާޑް 90،000 މެންބަރުން އެ ކޯލިޝަންގައި ތިބޭނެ ކަމަށެވެ

ރައީސް ވިދާޅުވީ، ވޭތުވެދިޔަ ވެރިކަންތަކުގައި މަރޮށި އޮތީ ތަރައްގީން އެކަހެރިވެފައިވާ ރަށެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މި ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު، ތަރައްގީގެ ޗާޓަށް މަރޮށު އަލުން ވަދެފައިވާ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އެންމެ ފުރަތަމަ މި ސަރުކާރުން ކޮންޓްރެކްޓް ހެދި ރަށުގެ ގޮތުގައި މަރޮށި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މަޝްރޫއުގައި ލަސްތަކެއް އުޅޭކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ކޮންޓްރެކްޓް އަލުން ބާތިލުކޮށް އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމަށް އިތުރު ވަގުތު ނަގާނެތީ، ކޮންޓްރެކްޓް ބާތިލުނުކޮށް އެ ފަރާތާ ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ވަރަށް ގާތުން އެކަންތައް ސަރުކާރުން ބަލަމުންދާނެ ކަމަށާއި ނިންމެން އޮތީ ކޮން ގޮތަކަށްތޯ ބަލައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ އެ މަސައްކަތް ނިންމާލެވޭ ވަރުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ މަރޮށީގައި ސިއްހީ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް އެ ރަށަށް ޑޮކްޓަރުން ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި އެ ރަށުން އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް މި އަހަރު ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.