ބިން ހިއްކުމަށްފަހު މަތި ކޮމަންޑޫގައި 300 ހައުސިން ޔުނިޓް ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެެއިން ދަތުރުފުޅުގައި، ށ. ކޮމަންޑޫއަށް ވަޑައިގެން، މިއަދު ހެނދުނު އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ، މަތި ކޮމަންޑޫ އާއި ދަށު ކޮމަންޑޫ ގުޅައިލުމުގެ ވާހަކައަކީ މާކުރިން ފެށިގެން ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.
އެ ވައުދު ފުދިގެންދާތަން މިހާރު ފެނިގެންދާނެ ކަމަށާއި، އެހެންކަމުން ދެކޮމަންޑޫގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ އެއް ކޮމަންޑޫ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެ ކޮމަންޑޫ ކުޅިގެންދާއިރު، ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމު ކުރުން ޕްލޭންގައި ހިމެނޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިމަސް ތެރޭގައި ދެ ކޮމަންޑޫގެ ބިން ހިއްކައި ނިމޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަލަށް ގެންނަ ޑްރެޖަރު މާދަމާ އިހަވަންދުއަށް އެ ވަންނަނީ. އިހަވަންދޫގެ ބިން ހިއްކުމަށް ނަގާނީ މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން ހަތްދުވަހާއި ނުވަ ދުވަހާދޭތެރޭ މުއްދަތެއް، އިހަވަންދޫ ނިންމުމަށްފަހުގައި ދެން އެ ޑްރެޖަރު އަންނާނީ މި ކޮމަންޑޫއަށް. މި ޖުލައި މަހުގެ ފަހު ދިހައެއްގައި މިޑްރެޖަރު އޮންނާނީ މިތަނުގައި، އިރާދަ ކުރެއްވިއްޔާ މި މަސް ނިމިގެންދާނީ އަޅުގަނޑުމެން ވައުދު ވީގޮތަށް މި ދެކޮމަންޑޫ ދޭތެރޭގައި ހިއްކަން ޖެހޭ ބިން ހިއްކައިފަ، ކޮމަންޑޫއަކީ ބިން ކުޑަ ރަށެއް ހައުސިންއަށް ބިން ބޭނުންވޭ، ދެ ކޮމަންޑޫ ގުޅާލާ އެއްސަބަކީ އެއީ، މަތިކޮމަންޑޫގައި އަސާސީ ހިދުމަތްތައް ގާއިމުކުރުން އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް، އޭގެ ތެރޭގައި މަތި ކޮމަންޑޫގައި 300 ހައުސިން ޔުނިޓް ކުރިއަށްއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އަޅައިދޭނަން،"
އޭގެ އިތުރުން ކޮމަންޑޫ ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދެހާސް އަށާރަ ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖެ އޮތް ހާލަތު ސިފަކުރައްވައި ރައީސް ވިދާޅުވީ، މަގުމަތީގައި ދިޔައީ މީހުން މަރަމުން ކަމަށާއި، ވިޔަފާރިވެރިންނަށް ހަމަޖެހިލައިގެން ވިޔަފާރިކުރެވެން ނޯންނަ ކަމަށެވެ. އޭރުގެ ސަރުކާރާ ހިޔާލުތަފާތުވާ މީހުން ތިބެން ޖެހުނީ ޖަލުގައި، ނުވަތަ ރާއްޖެ ނާދެވޭ ގޮތަށް ތިބެން ޖެހުނީ ރާއްޖޭން ބޭރުގައި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ކުރައްވަން ފެއްޓެވި ކަންތައްތަކުން އަދި ބަދަލު މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ މީކަށްވެސް އުފާވެރި ދިރިއުޅުމެއް ލިބެން ޖެހޭނެ މީހެއް ކަމަށެވެ. އެއީ އެމީހަކު ހުރި ރަށަކުން ނުވަތަ ނިސްބަތްވާ އާއިލާއަކަށް ވީތީ ވާން ޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކީ، ކޮންމެ ފަރުދަކީ އުފާވެރިކާމާއެކު ހަމަޖެހިގެން ރާއްޖޭގައި ދިރިއުޅެވޭ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އަސާސީ ހިދުމަތްތަކުން މަހުރޫމްވެ ތިވެ، އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށާއި، ސާފު ފެނާއި، ނަރުދަމާ އާއި ތައުލީމާއި ސިއްހަތު ނެތި އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއް ނެތި އަސާސީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު