މިދިޔަ 40 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިންގްލެންޑުން 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބު ކޮށްފިއެވެ.

އިންގްލެންޑުން ރޭ ތަށި ހޯދީ ޖޯޖިއާގެ ބަޓުމީ އެރީނާގައި ކުޅުނު ފައިނަލް މެޗުގައި 1-0 އިން ސްޕެއިން ބަލިކޮށްގެންނެވެ. ރޭގެ މެޗުގެ އެންމެ ފޯރިގަދަކޮށް ފެނުނީ ފަހު މިނެޓު ކޮޅެވެ. މެޗުގެ 99 ވަނަ މިނެޓުގައި ވީއޭއާރް ބަލައި ރެފްރީ ސްޕެއިނަށް ޕެނަލްޓީއެއް ދީފައިވާ އިރު، އަބެލް ރުއިޒް ޖެހި ޕެނަލްޓީ އިންގްލެންޑްގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑު ވަނީ މަތަކޮށްފައެވެ.

ޓްރެފޯޑުއަކީ މެންޗެސްޓާ ސިޓީގެ އެކަޑެމީން ކުޅުން ފަށައި، އަންނަ ސީޒަނަށް ދެވަނަ ޑިވިޝަނުގެ ބާންލީއަށް ދާން ތައްޔާރުވެފައިވާ ގޯލްކީޕަރެކެވެ. ރޭގެ މެޗުގައި ޕެނަލްޓީ މަތަކޮށް، ޓްރެފޯޑު ވަނީ ރީބައުންސްގައި ފޮނުވާލި ބޯޅަވެސް މަތަކޮށްފައެވެ.

ރޭގެ މެޗުގައި އިންގްލެންޑް މޮޅުކޮށްދިން ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ފަހު މިނެޓުކޮޅުގައެވެ. އެ ގޯލަކީ ކޯލް ޕާމާގެ ހިލޭ ޖެހުމެއްގައި ކާޓަސް ޖޯންސް ޖަހައިގެން ގޯލެކެވެ. ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ގޯލު ފޮނުވާލީ ސްޕެއިންގެ ގޯލްކީޕަރު އަރްނައު ޓެނަސްއަށް އޮޅުވާލައިފައެވެ.

ރޭގެ މެޗަށް ނުކުތްއިރު މުބާރާތުގައި 13 ގޯލު ޖަހާފައި އޮތް ސްޕެއިނުން ދެވަނަ ހާފު ފަށައިގެން ބޯޅެއް ގޯލެއް ވައްދާލި ނަމަވެސް، ރުއިޒް އެ ބޯޅަ ފޮނުވާލިއިރު އޮތީ އޮފްސައިޑުގައެވެ.

އިންގްލެންޑުން ރޭ 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށް، ޖުމުލަ ތިން ތަށި ހަމަކުރިއިރު،ރޭ ހޯދި ތަށްޓަކީ 1984 އަހަރު ފަހުން ހޯދި ފުރަތަމަ 21 އަހަރުން ދަށުގެ ޔޫރޯ ތަށްޓެވެ. އަދި އޭގެކުރިން އިންގްލެންޑް 21 އަހަރުން ދަށުގެ ޔޫރޯ ހޯދާފައި އޮތީ 1982 ވަނަ އަހަރުއެވެ.