ކުރިއަށް އޮތް ރިޔާސީ ފަސް އަހަރު ލިބިވަޑައިގެންފި ނަމަ އެ ދައުރު ތެރޭގައި ށ. ކުޑަފަރުގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫ ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އެއާޕޯޓް ހައްދަވައިދެއްވާނެ ކަމަށް، ރައީސް ވިދާޅުވީ، ކެމްޕެއިން ދަތުރުފުޅުގައި، ކޮމަންޑުއަށް ވަޑައިގެން މިއަދު ހެނދުނު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، "އަޅުގަނޑުމެން ވައުދެއް ވެއްޖެއްޔާ އިރާދަ ކުރެއްވިއްޔާ އެ ވައުދު ފުއްދައިދޭނަން، ދަތިތަކާއި އުނދަގޫތައް ހުރޭ، އެހެންނަމަވެސް އެއަށް ހައްލު ހޯދަން އަޅުގަނޑުމެނަށް އެނގޭ، އިރާދަ ކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޓީމަކީ އަޅުގަނޑުމެން އެވާ ވައުދުތައް ފުއްދުމަށް ޓަކައި ވިސްނުންތެރިކަމާއި، ހިކުމަތްތެރިކަމުގައި މަސައްކަތްކުރާ ޓީމެއް،" ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު، 20 މިނެޓުން އެއާޕޯޓަކަށް ނުދެވޭނެ އެއްވެސް ރަށެއް ނޯންނާނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ށ.ކޮމަންޑު އާއި އެހިސާބުގައި ހުރި ބައެއް ރަށްރަށަކީ، އެގޮތަށް 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ވަރުގެ ގުޅުން ނެތް ރަށްރަށް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން "އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި މި ކޮމަންޑޫ ކައިރީ، ކުޑަފަރުގައި ތިބޭފުޅުން ވިދާޅުވާގޮތަށް އަޅުގަނޑުމެން އެއާޕޯޓެއް ހަދާނަން،" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ވައުދުތަކާއެކު އެކި ބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ކޮމަންޑޫ ރައްޔިތުން ގޮތެއް ނިންމުމުގެ ކުރިން ވޭތުވެދިޔަ ވެރިކަންތަކާއި، މިދިޔަ ފަސް އަހަރުގެ ވެރިކަމާ އަޅައިކިޔާލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމަވާ ނިންމެވުމެއްގެ ސަބަބުން، އޭރު އޮތް އަނިޔާވެރިކަމާއި، ބިރުވެރިކަމުގެ ތެރެއަށް ދާނީތޯ، ނުވަތަ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކުރަމުން އަންނަ ދަތުރުގައި ކުރިއަށްދާނީތޯ، ކަނޑައެޅިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިންތިހާބުގައި ނިންމާ ނިންމުމެއްގެ ސަބަބުން މިހާރު ފަށާފައިވާ ތަރައްގީގެ މަސއްކަތްތައް ހުއްޓުމަކަށް އަތުވެދާނެކަމަށްވެސް ވިދާޅުވިއެވެ. އެ މަނިކުފާނު ފާހަގަ ކުރެއްވީ ކުރިންވެސް ވެރިކަންތައް ބަދަލުވެގެންދިޔަ ވަގުތަކުގައި ކަންހިނގާފައި ވަނީ އެގޮތަށް ކަމަށެވެ.
އެހެންކަމުން ރިޔާސީ އިންތިހާބުގައި ކޮމަންޑޫ ރައްޔިތުންގެ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި އެ ނިންމުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލާވެސް ގުޅިފައިވާ ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު