ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަތަރުވަނައަށް ޗައިނާ އަރައިފި އެވެ.
ކޮވިޑުގެ ފަހުން ޗައިނާގެ ބޯޑަރުތައް ހުޅުވާލައި މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ރަސްމީ ދަތުރުތަ އެގައުމުން ފެށި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ޗައިނާ އޮތީ މި އަހަރުގެ ޓޮޕް 10 މާކެޓް ލިސްޓުގެ ފުލުގަ އެވެ.
ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު މާކެޓުގެ ގޮތުގައި އޮތް ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުކުރުމަށް ސަރުކާރާއި އެމްއެމްޕީއާރްސީން ހިންގަމުން އަންނަ ކެމްޕެއިންތަކާ އެކު އެގައުމުން އަންނަ ފަތުރުވެރިންގެ އަދަދުތައް މިހާރު އަންނަނީ ބާރަށް ކުރިއަރަމުންނެވެ. ޖެނުއަރީ މަސް ނިމުނު އިރު ލިސްޓުގެ ނުވަ ވަނައިގައި އޮތް ނަމަވެސް މިދިޔަ ޖޫން މަހާ ހަމަޔަށް އެގައުމު ވަނީ ލިސްޓުގެ ހަވަނަ ޖާގަ ހޯދާފައެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ޓުވިޓާގައި ހިއްސާކުރެއްވި "ޓޫރިސްޓް އެރައިވަލް ވީކްލީ އަޕްޑޭޓްސް"ގައިވާ ގޮތުން ދަތުރުފަތުރަށް ޗައިނާ ހުޅުވާލިފަހުން އެގައުމުން ރާއްޖެއަށް 67،822 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މާކެޓުގެ 7.1 ޕަސެންޓެވެ. މި އަދަދާއެކު ޖަރުމަނާއި އިޓަލީ ފަހަތަށް ޖައްސާލައި ޗައިނާ މިހާރު ވަނީ މި އަހަރުގެ ޓޮޕް މާކެޓު ލިސްޓުގެ ހަތަރުވަނަ މަގާމު ހޯދައިފަ އެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި ސިންގަޕޯ އެއާލައިންގެ ގުޅިގެން މިދިޔަ މަހު ޗާއިނާއަށް ދަތުރެއްކޮށް، ރާއްޖެއަކީ ޗައިނާގެ ދަތުރުވެރިންނަށް ރައްކާތެރި އަދި ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 952,608 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އާއި ރަޝިޔާއިންނެވެ. އެ ދެ ގައުމުންވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 81,707 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު