މި ދިވެހިރާއްޖޭގައި ޓުވިޓާ ވައިގަ ހިފީ 2012 ވަނަ އަހަރު އޭރުގެ ވެރިކަން ކުއްލި ގޮތަކަށް ބަދަލުވެ، އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ. އެ ހިސާބުން ފެށިގެން ސިޔާސީ ވެރިންގެ ފެވަރިޓް ސޯސަލް މީޑިއާ އެޕްލިކޭސަނަކީ ޓުވިޓާއެވެ. އެ ވެރިން ހިތައް އަރާ އެއްޗެއް ނުވަތަ ދޭން ބޭނުންވާ މެސެޖެއް އެންމެ ފަސޭހައިން ދޫކޮށްލެވޭ އެއްޗަކީވެސް ޓުވިޓާއެވެ. އެ ދުވަސްވަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ކޮށްލާ ކޮންމެ ޓުވީޓެއް ވެގެން ދަނީ ފަލަ ސުރުހީއަކަށެވެ. އޭގެ ފަހަތުން މަޖިލިސް މެންބަރުންނާއި ސިޔާސީ އެކްޓިވިސްޓުން އަދި މިނިސްޓަރުންނާއި ސަރުކާރުގެ އިދާރާތައް ޓުވިޓާގެ ތެރެއަށް ވަދުނެވެ. ރާއްޖޭގައި ޓުވިޓާ ވައިގަ ހިފައިގެން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ.
އެހެން ނަމަވެސް އޭގެ މާ ކުރިންވެސް އެމެރިކާގައި ސިޔާސީ ބޮޑެތި ކެމްޕެއިން ހިންގުމަށް އެންމެ ބޮޑަށް ބޭނުންކުރާ އެންމެ މަޝްހޫރު އެޕްލިކޭސަނަކީ ޓުވިޓާއެވެ. ކުރު މެސެޖުތަކާއެކު ފަތުރާ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ޓުވިޓާ ވެފައިވަނީ އެތައް މިލިއަން ބައެއްގެ އިހުސާސްތައް އެންމެ ފަސޭހައިން ފަތުރާލަދޭ ބައިވެރިޔާ އަށެވެ. އެމެރިކާގައި ވެރިކަމަށް އަންނަ ގިނަ ވެރިންނަކީ ޓުވިޓާގެ ތެރެއިން ސަރުކާރުގެ ގިނަ ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދޭ ވެރިންނެވެ. މީގެ ތެރެއިން ބައެއް ވެރިން އެ މީހުންގެ ވެރިކަން ނިމިގެން ދާއިރު ފަތުރާ ހަބަރުތަކާއި ކުރާ ޓުވީޓުތަކާ ގުޅިގެން އެ އެކައުންޓް ބުލޮކްކުރަން ޖެހިފައިވެސް އެބަހުއްޓެވެ. އެމެރިކާގެ އެންމެ ފަހުގެ ރައީސް ޑޮނަލްޑް ޓުރަމްޕްގެ ވެރިކަން ނިމިގެން ދިޔަ އިރު، ޓުވިޓާ އިން ޖެހުނީ އޭނާ ބޭރުކޮށްލާށެވެ. އެހާވެސް ބޮޑަށް ސިޔާސީ ޓުުވީޓުތައް ކޮށް އޭގެ އަސަރު އެމެރިކާގެ އެތެރެއާއި ބޭރަށް ވަނީ ފަތުރައިފައެވެ.
އެމެރިކާ އަދި ދުނިޔޭގައިވެސް މިދިޔަ ދިހަވަރަކަށް އަހަރު ޓުވިޓާ ހިންގަމުން އައީ ވާދަވެރިއެެއް ނެތި އެންމެ ސިޔާސީ ނުފޫޒުގަދަ ސޯސަލް މީޑިއާ އެޕްލިކޭސަންގެ ގޮތުގައެވެ. ފޭސްބުކާއި އިންސްޓަގުރާމް އަދި ޓިކްޓޮކާއި ޔޫޓިއުބް ފަދަ އެޕްލިކޭސަންތަކަށް ޓުވިޓާގެ ވިދުން ފަނޑު ކުރެވޭގޮތެއް ނުވިއެވެ. މި އެޕްލިކޭސަންތަކަކީ ސިޔާސީ ވެރިންނަށް ކަމުދިޔަ އެއްޗެއްވެސް ނޫނެވެ. މިހާތަނަށް ޓުވިޓާއާ އެއްފަދަ އެޕްލިކޭސަނެއް ހެދޭ ގޮތެއް ވެސް އޮތީ ނުވެފައެވެ. އެހެން ނަމަވެސް ފޭސްބުކް ހިންގާ މެޓާ ކުންުފުނިން މިއަދު ވަނީ ޓުވިޓާއާ ވާދަކޮށްލާނެ ވަރުގަދަ ވާދަވެރިއެއް ނެރަފައެވެ. އެ އެޕްލިކޭސަންގެ ނަމަކީ ":ތްރެޑްސް" އެވެ. މި ސޯޝަލް މީޑިއާ އެޕްއަކީ "އިންސްޓަގްރާމްގެ ޓެކްސްޓް ބެސްޓް ކޮންވާޝަން އެޕް" ގެ ގޮތުގައި ސިފަކުރާ އެޕްލިކޭސަން ވެސް މެއެވެ. އިންސްޓަގުރާމަކީ ފޮޓޯތައް ނެރެގެން އިހުސާސްތައް ދައްކައިދޭ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ އެޕްލިކޭސަނެވެ. ނަމަވެސް މި ނެރޭ ":ތްރެޑްސް" އަކީ އިންސްޓަގުރާމްއާ މުޅިން ތަފާތު ޓުވިޓާގެ ހުރިހާ ސިފަތަކެއް ހިމެނޭ، ކުލޯން ނުވަތަ ކޮޕީ ކޮށްފައިވާ އެޕްލިކޭސަނެކެވެ. މި އެޕްލިކޭސަނަށް ވަނުމަށް ކޮންމެ މީހަކަށް އެ މީހެއްގެ އިންސްޓަގުރާމްގެ މިހާރު ބޭނުން ކުރާ އެކައުންޓް ތްރެޑްސްއަށް ބަދަލުކޮށްލެވޭނެއެވެ.
އެހެންކަމުން އެޕަލްގެ އެޕް ސްޓޯރުން އަދި ގޫގުލް ޕުލޭ ސުޓޯރުންވެސް ލިބެން ހުރި މި އެޕްލިކޭސަން ފުރަތަަމަ ހަތަރު ގަޑިއިރުގެ ތެރޭގައި ދެ މިލިއަން މީހުން ބޭނުންކުރަން ވަނީ ފަށައިފައެވެ. އިންސްޓަގްރާމް ބޭނުން ކުރާ ފަރާތްތަކަށް ވަގުތުން ތްރެޑްސްގައި ހުންނަ އެކައުންޓުތައް ފޮލޯކޮށް، އަދި ގިނަ އަދަދަކަށް ފޮލޯވަރުން ހޯދަން އެހީތެރިވެދޭ އިރު، މި އެޕްލިކޭސަނަކީ ޓުވިޓާއަށް ބޮޑު ބިރަކަށް ވަނީ ވެފައެވެ. ތްރެޑްސްއަކީ އިންސްޓަގްރާމާ ގުޅި ލާމެހިފައިވާ އެޕްލިކޭސަނަކަށްވާތީ މިހާރުވެސް އިންސްޓަގުރާމްގައި ތިބި ރައްޓެހިން ނުވަތަ ފޮލޯކުރާ މީހުން ހިމެނޭގޮތަށް ކުއްލިއަކަށް މިފަދަ ބޮޑު ޕުލެޓްފޯމެއް އުފެދިިގެން ދިއުމަކީ ޓުވިޓާއަށް ހަޖަމު ކުރެވޭ ކަމެއް ނޫނެވެ.
އެތައް އަހަރަކަށްފަހު ޓުވިޓާގެ ވާދަވެރިއެއްގެ ގޮތުގައި ފޭސްބުކާއި ވަޓްސްއެޕް އަދި އިންސްޓަގުރާމްގެ ހިންގާ މެޓާ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގްގެ ކުންފުނިން މި ނެރުނު އެޕްލިކޭސަން ވައިގަ ހިފާނެ ކަމާ މެދު ގިނަ ބަޔަކު ސައްކެއް ނުކުރެއެވެ. އެހެންކަމުން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އާއި މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް ޓުވިޓާ ގަނެފައިވާ އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ސީއީއޯ އެލޮން މަސްކުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މި ދެ މީހުންގެ ވާދަވެރިކަމަށް ތުރެޑްސް އެޕްލިކޭސަނަކީ އިތުރުވި އެންމެ ފަހުގެ ބޮޅެވެ. މި ދެ ބިލިއަނަރުންގެ ވާދަވެރިކަން ބޮޑުވެ، އެންމެފަހުން މި ދެ މީހުން ވަނީ ކިކް ބޮކްސިން މެޗަކަށް އަރަންވެސް ތައްޔާރުކަން އިއުލާންކޮށްފައެވެ.
ނަަމަވެސް ޓުވިޓާއާ ވާދަކުރަން މި ނެރުނު ތްރެޑްސް އެޕްލިކޭސަނކީ ސިޔާސީ މީހުންގެ ވާހަކަތައް ހަމައެކަނި ފަތުރަން ބޭނުންކޮށްފާނެ ޕުލެޓްފޯމަކަށް ވެދާނެތީ ކަންބޮޑުވާ ވަރަށް ގިނަ ބަޔަކުވެސް ދަނީ ފެންނަމުންނެވެ. މިއަދު މި އެޕްލިކޭސަން ބޭނުންކުރަން ފެށި ގިނަ ބަޔަކުގެ ހިޔާލުތައްވެސް ހުރީ ދެކަފިވެފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި ސިޔާސީ ވާހަކަތައް ނެތި މި އެޕްލިކޭސަން ވެގެން ދާނީ ފޫހި އެއްޗަކަށެވެ. އަދި ޓުވިޓާއަކާ ވާދައެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް އިންސްޓަގުރާމް ބޭނުން ކުރާ ގިނަ ބަޔަކުވެސް މި އެޕްލިކޭސަންގެ ތެރެއަށް ވަންނަމުންދާތީ އެމީހުން ދެކެނީ މިއީ ހަމައެކަނި ސިޔާސީ މީހުންގެ ސިޔާސީ ގޭސް އަންބުރަން ބޭނުން ކުރާ އެއްޗަކަށް ހެދިގެން ނުވާނެ ކަމަށެވެ. މިފަދަ ހިޔާލުތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުންވެސް ދަނީ މި ނެރުުނު އާ އެޕްލިކޭސަންގެ ތެރެއިން މިފަދަ ހިޔާލުތައް ފާޅުކުރަމުންނެވެ.