ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި "ވަން ސެންޓްރަލް ޕާކް ރެސިޑެންސް" އިން ފްލެޓް ގަތް މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.
ސެންޓްރަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ "ވަން ސެންޓްރަލް ޕާކް ރެސިޑެންސް"ގެ ފްލެޓުތައް ގަތް މީހުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ، އެ ތަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ ތަން ހަދަން ހަވާލުކުރި ސެންޑަލް މޮރިޝަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުޕްތާއެވެ.
މި ފްލެޓް އިމާރާތް ހަދަން ސެންޑަލް މޮރިޝަސް ކުންފުންޏާ ބިން ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. އެ ކުންފުނިން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. އެ ކުންފުނިން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 26 އޭޕްރީލް 2021 ވަނަ ދުވަހުއެވެ.
"ވަން ސެންޓްރަލް ޕާކް ރެސިޑެންސް" ގައި 120 ފްލެޓް ހަދާފައިވާއިރު، ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރިއާއި ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހުރެއެވެ. އޭގެ އިތުރުން އިމާރާތުގައި ޖިމަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި އެންޓްރަންސް ލޮބީއެއް ހަދާފައިވެއެވެ. މިއިން ކޮންމެ ފްލެޓެއްގެ އަގަކީ 2.2 މިލިއަން ރުފިޔާއެވެ.
ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މެދުފަންތީގެ މީހުންނަށް މިފަދަ ޕްރޮޖެކްޓްތަކުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކަރުން މަސައްކަތްކުރާ ކަމަށެވެ. އަދި އެޕާޓްމަންޓްތައް 120 ގަތް މީހުން މިހާރު އެތަނަށް ފައިސާ ދައްކާ ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"...ރާއްޖޭގެ ލެންޑިން އެޖެންސީތަކުން ލޯނު ދޭ ޓާމްސްތަކަށް ބަލާއިރު، އޭގެ ތެރެއިން 80 ޕަސެންޓް ލޯން ނަގާފައިވަ ފަރާތްތަކުން ދައްކަން ޖެހެނީ ގާތްގަނޑަކަށް 20،800 ރުފިޔާ،" މާކެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއް މިހާރުވެސް ކުއްޔަށް ލިބެނީ އެ އަގުގައިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވިއެވެ.
"ވަން ސެންޓްރަލް ޕާކް ރެސިޑެންސް" މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހިންގާ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްގެ ތެރެއިން ހިންގި އެއް ޕްރޮޖެކްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު