(30 ޖޫންގެ އަދަދާ ގުޅޭ)

އިންޑިޔާގައި ކާވެނީގެ ބޭރުން ކިހައިބަޔަކު ޖޯޑުޖޯޑަށް އުޅޭބާވައެވެ؟ މިސުވާލުގެ ފުރިހަމަ ޖަވާބެއް ދެވޭވަރަކަށެއް ތަފާސްހިސާބުތަކެއް ނުހުރެއެވެ. ނަމަވެސް އެކަން ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާކަން ތަފާތު ރިޕޯޓުތަކުން އެނގެއެވެ. ޚާއްޞަކޮށް މެޓްރޯ ސަހަރުތަކުގައި ދިރިއުޅޭ ޒުވާން އަންހެންކުދީންނާއި ފިރިހެންކުދީން ލެނބެމުންދަނީ އެދިމާޔަށެވެ.

އިންޑިޔާގެ ޕާލަމެންޓުގެ ރަވައްޔާވެސް ހުރީ ހިމޭންކަމާއެކު އެކަމަށް ތާއީދުކޮށް ޙިމާޔަތްދީ ތާއީދުކުރާ ގޮތަށެވެ. އިންޑިޔާގެ ކޯޓުތަކުންވެސް މަސައްކަތްކުރަމުން ގެންދަނީ ޤާނޫނީގޮތުން އެކަން ހުއްދަކުރެވޭނެ ބާކޮޅެއްވިޔަސް ފެނޭތޯއެވެ. އަންހެނުން ގެވެށިއަނިޔާއިން ރައްކައުތެރިކުރުމަށްޓަކައި 2005މ. ގައިވަނީ ޤާނޫނެއް ފާސްކޮށްފައެވެ. Protection of Women from Domestic Violence Act ގެ ނަމުގައެވެ. ކާވެނިނުކޮށް ފިރިހެނުންނާއެކު ދިރިއުޅޭ އަންހެނުންވެސް ވަނީ އެ ޤާނޫނުގެ ދާއިރާގައި ހިމަނައިފައެވެ. އޭގެ ދޭދޭމީހުންގެ ޖިންސީ ގުޅުމަކީ (Relationship in the Nautre of Marriage) ކާވެނީގެ ގުޅުންފަދަ ގުޅުމެއްކަމުގައި ކަނޑައަޅައިފައެވެ. އެ ޤާނޫނުގައިވަނީ އެގޮތަށްއުޅޭ އަންހެނުންނަށް ގެވެށިއަނިޔާ ލިބޭކަމުގައިވާނަމަ ބައެއްކަހަލަ މާލީ މަންފާތަކާއި އެނޫންވެސް ބައެއްކަހަލަ އެހީތައް ލިބުމުގެ ޖާމިނުކަން ލިބިދީފައެވެ.

އިންޑިޔާގެ ސުޕްރީމްކޯޓުން 23 މާޗް 2010 ގައިS.Khushboo vs Kanniammal ކޭހުގައި ނެރުނު ރޫލިންގައި ވަނީ ބާލިޣުވެފައިވާ ފިރިހެނަކާއި އަންހެނަކު ކާވެނިނުކޮށް އެކުގައި އުޅުމަކީ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައިފައެވެ. އޭގެއިތުރަށް އެމައްސަލަ ބެއްލެވި ޢިއްޒަތްތެރި ފަނޑިޔާރުންވަނީ އަންނަނިވި އިޙްސާސްތައް ފާޅުކުރެއްވުމަކީވެސް ބޭނުންތެރިކަމެއް ކަމުގައި ދެކެވަޑައިގެންފައެވެ.

"When two adult People want to live together, what is offence? Does it amount an offence? Living together is not an offence. It can not be an offence."

"ދެޒުވާނަކު (އަންހެނަކާއި ފިރިހެނަކު) އެކުގައި އުޅުމުން އެކަމުގައިއޮތީ ކޮންކުށެއް ހެއްޔެވެ؟ މި މުޢާމަލާ ކުށަކާ ހަމަޔަށްދަނީ ކޮންގޮތަކުން ހެއްޔެވެ؟ އެކުގައި އުޅުމަކީ ކުށެއް ނޫނެވެ. އެއީ ކުށަކަށް ނުވެސް ހެދޭނެއެވެ."

13 އޯގަސްޓް 2010 ގައި Madan Mohan Singh vs Rajni Kant ގެ ކޭހުގައި ސުޕްރީމް ކޯޓު ރައުޔު ފާޅުކޮށްފައިވަނީ އަންހެނަކާއި ފިރިހެނަކު ކާވެނިނުކޮށް ދިގުމުއްދަތަކަށް އެކުގައި އުޅެފައިވާނަމަ އެބައިމީހުންގެ ގުޅުމަކީ ކާވެނީގެ ގުޅުމާ އެއްކަހަލަ ގުޅުމެއްކަމުގައި ބެލެވޭނެ ކަމުގައެވެ. އަދި އެހެން މައްސަލައެއްގައި (Bharata Matha vs R.Vijaya) ގައި ސުޕްރީމް ކޯޓުގެ ބެންޗަކުން ކޮށްފައިވާ ޙުކުމުގައިވަނީ Live in Relationship ގެ ނަތީޖާއެއްގެގޮތުން ކުއްޖަކު އުފަންވެއްޖެކަމުގައިވާނަމަ އެކުއްޖާއަށް އޭނާގެ ބައްޕައާއި މަންމައާ ދެފަރާތުންވެސް ވިރާސަތުގެ ޙައްޤު ލިބިގެންވާނެ ކަމުގައެވެ.

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ބެންޗަކުން 21 އޮކްޓޯބަރ 2010 ގައި މައްސަލައަކާ ބެހޭގޮތުން ނެރެފައިވާ ނިޔާއެއްގައި (D.Velusamy vs D.Patchaiammal ގެ ނިޔާގައި) ބުނެފައިވަނީDomestic Violence Act 2005 ގެ ދަށުން އަންނަނިވި ޝަރުޠުތައް ފުރިހަމަކޮށްފައިވާ މީހުންގެ Live in Relationship އަށް ކާވެންޏެއްގެ ހައިސިއްޔަތު ދެވޭނެކަމުގައެވެ.

1. މުޖުތަމަޢުގެ ކުރިމަތީ އެދެމީހުން ދެމަފިރީންގެ ބީދައިން އުޅެފައިވުން.

2. އެދެމީހުންނަކީ ޤާނޫނީގޮތުން ކާވެނިކުރެވޭ ޢުމުރުގެ ދެމީހުން ކަމުގައިވުން.

3. އެދެމީހުން ޤާނޫނީގޮތުން ކާވެނިކުރެވުން އެކަށީގެންވާ މުއްދަތަކަށް އެކުއުޅެފައިވުން.

4. އެދެމީހުން އެކުގައި އުޅެމުންއައީ ދެމީހުންގެ ރުހުމާއެކު ކަމަށްވުމާއި ސަމާލުކަން ދޭންޖެހޭފަދަ މުއްދަތަކަށް އެކުގައި އުޅެފައިވުން.

މި ތަފްސީލުތަކަށް ވިސްނައިލުމުން ރަނގަޅަށް އެނގެނީ، ހިންދުސްތާނުގައި ރިލޭޝަންޝިޕްގައި އުޅުމަށް ކާވެންޏާ އެއްވަރެއްގެ ޤާނޫނީ ހައިސިއްޔަތެއްދޭން ހިންދުސްތާނުގެ ޢަދުލިއްޔާ އަވަސްއަރައިގެންފައިވާ ވަރެވެ.

ޢާއިލާގެ ބަނދެވުމުން ނެއްޓިގެންތިބެ ކާވެނީގެ ބޭރުން މިނިވަންކަމާއެކު އުޅޭންބޭނުންވާ މީހުން އެކަމުގެ ތަފާތު ސަބަބުތަކެއް ބަޔާންކުރެވެއެވެ. އެކަމަށް ޙިމާޔަތްދީ އެކަމަށް ޤާނޫނީ ހައިސިއްޔަތުދޭން ބޭނުންވެގެން އުޅޭމީހުންވެސް ތަފާތު ދަލީލުތަކެއް ދައްކައެވެ. ތިރީގައި މިވަނީ، އެކަންކަމަށް ބަލައިލައިފައިވާ އަވަސް ބަލައިލުމެކެވެ.

1. ކާވެނީގެ ގުޅުމުންގުޅޭ ދެމީހުންނަކީ ޢާންމުގޮތެއްގައި ކުރީއްސުރެ ތަޢާރުފުވެފައިވާ ދެމީހުންނެއް ނޫނެވެ. އެކަކަށް އަނެކަކު އެނގުނުކަމުގައިވިޔަސް އެއީ ވަރަށް އާދައިގެ ދެނެގަތުމެކެވެ. އެކަކު އަނެކެއްގެ އާދަކާދަޔާއި ގޮތްބާވަތާއި މިޒާޖާއި ހޭޑިފޭޑި ކުރީއްސުރެ އެނގިފައެއް ނޯވެއެވެ. ކާވެނި ނުކޮށް އެކުގައި އުޅުމުގެ މަޤްޞަދަކީ ތަފްސީލުކޮށް އެކަކު އަނެކަކު ދެނެގަތުމެވެ. ދެމީހުންނަށް ކުރިޔަށްއޮތް ޙަޔާތުގައި އެކުގައި އުޅެވިދާނެތޯ ތަޖުރިބާކޮށްލުމެވެ. ބައެއް ރިޕޯޓުތަކުން އެނގޭގޮތުގައި ކާވެނިނުކޮށް އެކުގައި އުޅޭމީހުންކުރެ ހަތަރުބައިކުޅަ ތިންބައިމީހުން ބުނެފައިވަނީ ކާވެނީގެ ކުރީން އެބައިމީހުން އެކުގައި އުޅޭއުޅުމަކީ ކާވެނީގެ ތަމްހީދު ކަމުގައެވެ.

2. އަންހެނަކާ ފިރިހެނަކު ކާވެނީގެ ބަނދެވުމުން ބަނދެވިގެން އުޅޭނަމަ ދުވަސްކޮޅެއްގެފަހުން ނުރުހެވޭ ގޮތްތަކެއް މެދުވެރިވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ވަކިވާން ބޭނުންވާހިނދު ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެއެވެ. ނުވަތަ އާދަކާދައިގެ ބަނދެވުންތަކެއް ވަކިވުމަށް ހުރަސްއަޅައެވެ. އެހެންކަމުން ރަނގަޅުގޮތަކީ ކާވެނިނުކޮށް އެކުގައި އުޅުމެވެ. އެކެއްގެ ކިބައިން އަނެކަކު ހިތްފުރޭގޮތްވެ ފޫހިކުރުވައިގެންފި ހިނދެއްގައި އެކަކު އަނެކަކާވަކިވެ އެމީހަކު ދާކޮޅަކަށް ފަސޭހަކަމާއެކު އެމީހަކަށް ދެވޭނީ އޭރުންނެވެ.

3. ބައެއްމީހުންނަކީ ކުޑަކުޑަ އާމްދަނީއެއް ލިބޭމީހުންނެވެ. ނުވަތަ މައީޝަތުގެ ކަންތައްތަކުގައި ޔަޤީންކަމެއް ނޯންނަ ޙާލަތެއްގައި ދިރިއުޅެމުންގެންދާ މީހުންނެވެ. އެހެންކަމުން އެފަދަ މީހުން ކާވެނިކުރުން ލަސްކުރެއެވެ. ބައެއްފަހަރު ކާވެނި ނުވެސްކުރެއެވެ. ކާވެނީގެ ޚަރަދުބަރަދު ބަރުދާސްތުކުރާން އުނދަގޫވާތީއެވެ. ނުވަތަ އެމީހުން ބިރުގަންނަނީ ކާވެނީގެ ގުޅުމަކީ ދެމެހެއްޓެނިވި ގުޅުމަކަށްނުވެ ދެމީހުން ވަކިވާންޖެހިއްޖެ ހިނދެއްގައި މާލީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. އެހެންކަމުން އެފަދަ މީހުން ޢާފިޔަތެއްކަމުގައި ދެކެނީ ކާވެނިނުކޮށް އަނެއް ޖިންސުގެ މީހަކާއެކު ވަގުތުތަކެއް ހޭދަކޮށްލެވުމެވެ.

4. ޒުވާން ބައެއް އަންހެންކުދީންނާއި ފިރިހެންކުދީންނަކީ މަތީތަޢުލީމު ހޯދަން ނުވަތަ ވަޒީފާ ހޯދަން އަމިއްލަ ރަށުން ބޭރުގައި ވަގުތީގޮތުން މަޑުކޮށްގެންތިބޭ ކުދީންނެވެ. އެހެންކަމުން ތަފާތު ސަބަބުތަކަށްޓަކައި އެކުދީންނަށްވެސް ކާވެނިކުރެވޭކަށެއް ނޯވެއެވެ. އެހެންކަމުން އެފަދަ ކުދީން ކާވެނިނުކޮށް އެކުގައި ދިރިއުޅޭން ފަށައެވެ.

5. ކާވެންޏެއް ކޮށްގެންހުރި މީހަކު ކޮންމެވެސް ސަބަބަކާހުރެ ދެވަނަ ކާވެންޏެއްކުރާން ބޭނުންވާހިނދު ކުރީގެ އަނބިމީހާ ހުއްޓައި ދެވަނަ ކާވެންޏެއްކުރާން ޤާނޫނު ހުއްދަނުދޭތީ ކާވެނިނުކޮށް އެހެން އަންހެނަކާއެކު އުޅޭންފަށަނީއެވެ.

6. މިޒަމާނުގެ ބައެއް ފިރިހެނުންނާއި އަންހެނުން ދެކެނީ ކާވެންޏަކީ މުސްކުޅި ކަޓު އާދައެއްކަމުގައެވެ. އެހެންކަމުން އެ ކަޓުއާދައިގެ އަސީރުންކަމުގައި ވާކަށެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން އެފަދަ ޒުވާނުން ބުއްދިވެރި ގޮތެއްކަމުގައި ދެކެނީ ކާވެނީގެ ގޮށުން ނުބަނދެވި ބޭނުން މީހަކާއެކު ދުވަސްތަކެއް ހޭދަކޮށްލުމެވެ. އެމީހެއްގެ ކިބައިން ހިތްފުރޭގޮތްވުމުން އަނެކަކާ ގުޅުން އާރާސްތުކޮށްލުމެވެ.

ޙަޤީޤަތަށް ދަންނަވާނަމަ އިންސާނީ ފިޠުރަތު އެދޭގޮތަކީ ޢާއިލީ ނިޒާމެއްގެދަށުން ދިރިއުޅެމުން ގެންދިޔުމެވެ. ޤަދީމީ ޒަމާނުއްސުރެ މިއަދާހަމަޔަށްވެސް އިންސާނީ މުޖުތަމަޢުގައި އެގޮތަށް ޢަމަލުކުރެވެމުންދަނީ އެހެންވެގެންނެވެ. މިޒަމާނުގެ އަބާޙިއްޔަތާއި މާއްދިއްޔަތަށް އަޅުކަންކުރާ ތަހުޒީބު ޢާންމުވުމުގެކުރީން އެއްވެސްބަޔަކު ޢާއިލީ ނިޒާމަށް އިންކާރުކޮށްފައެއް ނުވެއެވެ. ޢާއިލީ ނިޒާމު ބަލިކަށިކުރާކަށް މަސައްކަތް ކޮށްފައެއްވެސް ނުވެއެވެ.

އިންސާނީ ނަސްލު ދެމިގެން އައުމަށާއި ސިލްސިލާވަމުން އައުމަށްޓަކައި ބޭނުންވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ޖިންސުގެ ގުޅުން ދެމިހުންނަނިވި ހަރުދަނާ ބިންގަލެއްގެ މަތީގައި އާރާސްތުވުމެވެ. ދެޖިންސުގެ މީހުންގެ އެއްތަންވެ އުޅެނީ ހުސްއެކަނި ޝަހްވާނީ އެދުން ފުއްދައި ލައްޒަތު ޙާޞިލުކުރުމުގެ ބޭނުމުގައި ކަމުގައި ނުވުމެވެ. އަންހެނުންނާއި ފިރިހެނުންގެ މުޢާމަލާއަކީ މިދެންނެވި ޒާތުގެ މިނިވަން ބައްދަލުވުމެއްކަމުގައި ނުވުމެވެ. ދެޖިންސުގެ ގުޅުމަކީ މުޖުތަމަޢަށް އެނގިފެނިވެ ބަލައިގަނެވިފައިވާ ގުޅުމަކަށްވުމެވެ. މުޖުތަމަޢަކީވެސް އެގުޅުން ދެމެހެއްޓުމުގައި ޖާމިނުވާ ފަރާތަކަށްވާފަދަ ގުޅުމަކަށް އެގުޅުންވުމެވެ. އެހެނީ އަންހެނަކާއި ފިރިހެނެއްގެ ގުޅުމުގެ ތެރެއިން ދަރިޔަކު ނުވަތަ ދަރީންތަކެއް ވުޖޫދަށް އަތުވެއްޖެކަމުގައިވާނަމަ އެކުދީން ބަލައިބޮޑުކުރުމާއި މަގުން ކައްސައިލިޔަނުދީ ރަނގަޅުގޮތުގައި ތަރުބިޔަތު ކުރުމަށްޓަކައި ރަނގަޅު ބެލެނިވެރިކަމަކަށާއި ބެލެހެއްޓުންތެރި ކަމަކަށް ބޭނުންވެއެވެ. އެކަމަށް ބޭނުންވާ ނަފަޤާތް ލިބޭންޖެހެއެވެ. މިއީ މުޅި އިންސާނިއްޔަތުގެ މަޞްލަޙަތާއި ލާބަޔާ ގުޅިފައިވާ ކަމެކެވެ. މިކަމުގައި ފިރިހެނުން އަންހެނުންނާ ބައިވެރިނުވެއްޖެކަމުގައިވާނަމަ އެކަނިވެރި އަންހެނަކަށް އެ ވާޖިބު އަދައެއް ނުކުރެވޭނެއެވެ. ކާވެނީގެ ބަނދެވުންފަދަ ވަރުގަދަ ހަރުދަނާ ބަނދެވުމެއްނެތި ހުސްއެކަނި އެކުގައި ދިރިއުޅުމުގެ ޒަރީޢާއިން ދުނިޔެއަށް އަންނަ ކުދީންގެ ޒިންމާއާ ފިރިހެނުން ޙަވާލުވަނީ ދާދި މަދުފަހަރަކުއެވެ.

ފިޠުރަތުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްޖިންސު އަނެއްޖިންސަށް ހިތްކިއުމެއް ނުވަތަ އެއްޖިންސެއްގައި އަނެއްޖިންސާމެދު ދަގަތްފާނީ ބާރެއް ލެއްވީ އިންސާނީ ނަސްލުގެ ހެވަށްޓަކައެވެ. އަންހެނަކާއި ފިރިހެނަކު އެއްތަންވާން މެދުވެރިކުރައްވައިފައިވަނީ އެ މަޤްޞަދަށްޓަކައެވެ. އެދެމެދުން ދަރީން އުފަންވެއްޖެކަމުގައިވާނަމަ އެދެމީހުންގެ ހިތުގައި އެކުދީންނާމެދު ލޯބިލައްވައެވެ. ދެމީހުން ބައިވެރިވެގެން އެކުދީން ގެންގުޅެ ބޮޑުކުރުމަށްޓަކައެވެ. އެކުދީންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދީ ދިރިއުޅުމުގެ މައިދާނުގައި ކުރާންޖެހޭ މަސައްކަތާ ކުރިމަތިލުމުގެ ޤާބިލިއްޔަތު އެކުދީންނަށް ހޯދައިދިނުމަށްޓަކައެވެ.

ކާވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ ފިޠުރަތުގެ މި ޕްލޭން ފުނޑުފުނޑުކޮށް ފައިދަށުލައި ސުންނާފަތިކޮށްލުމެވެ. އެހެނީ ދެ ޖިންސުގެ ދެމީހަކު ބައްދަލުކުރުމުގެ ބޭނުމަކީ ހުސްއެކަނި އެދެމީހުންގެ ޝަހްވާނީ ޖަޒުބާތަށް ފިނިކަން ހޯދުންކަމުގައިވެފައި އިންސާނީ ނަސްލު ސިލްސިލާކުރަމުން ގެންދިޔުމުގެ މަޤްޞަދެއް ނެތްކަމުގައިވާނަމަ އިއްތިފާޤުން ބަލިވެއިންކަމުގައިވިޔަސް އަދި ކުއްޖަކު ވިހެއިކަމުގައިވިޔަސް ގިނަ ފިރިހެނުން އެކަމުގެ ޒިންމާއަކާ ޙަވާލެއް ނުވެއެވެ. އެކުއްޖެއްގެ ބަލަދުވެރިކަމާ ޙަވާލުވެ އެކުއްޖަކަށް ނަފަޤާތްދީ ތަރުބިޔަތުކުރުމުގެ ބުރައެއް ނުއުފުލައެވެ.

(ނުނިމޭ)