އާސެނަލަށް ކުޅެމުންދިޔަ ސްވިޒަލޭންޑްގެ މިޑްފީލްޑަރު ގްރަނިޓް ޖަކާ އެ ކްލަބު ދޫކޮށް، ބަޔާން ލެވަކޫސަންއާ ގުޅިއްޖެއެވެ.
ޖަކާ ބަޔާން ލެވަކޫސަންއާ ގުޅިފައިވަނީ 21.4 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އުމުރުން 30 އަހަރުގެ ޖަކާ ލެވަކޫސަންއާއެކު އެއްބަސްވެފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. 2016 ވަނަ އަހަރުން ފެށިގެން އާސެނަލަށް ކުޅެމުންދާ މިޑްފީލްޑަރު މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަމަށް މާ ކުރިންވެސް އޮތީ ބެލެވިފައެވެ. އެހެންކަމުން އޭނާ ލީގުގައި ކުޅުނު ފަހު މެޗުގައި ސަޕޯޓަރުން ވަނީ ހާއްސަ އަލްވަދާއެއްވެސް ކިޔައިފައެވެ.
ޖަކާ ވަނީ 2019 ވަނަ އަހަރު އާސެނަލްގެ ކެޕްޓަން ކަންވެސް ކޮށްފައެވެ. އެހެން ނަމަވެސް އެއީ މަހެއްހާ ދުވަހަށެވެ. ޖަކާ އަތުން ކެޕްޓަން ބޭންޑް އަތުލީ ބަލިވި މެޗަކަށްފަހު ސަޕޯޓަރަކާ ޒުވާބު ކުރި މައްސަލައެއްގައެވެ. އެފަހަރު ޖަކާ ކްލަބު ދޫކޮށްލަން އުޅުނު ނަމަވެސް، ފަހުން އެއްބަސްވުން އާކުރީއެވެ.
އާސެނަލަށް ކުޅުނު 297 މެޗުން 23 ގޯލު ޖަހައިދީ، އާސެނަލާއެކު އެފްއޭ ކަޕް ހޯދި ޖަކާއަށް އެންމެ ކާމިޔާބު ސީޒަނަކީ މިދިޔަ ސީޒަނެވެ. މިދިޔަ ސީޒަން އާސެނަލުން ނިންމާލީ ލީގު ތާވަލުގެ ދެވަނައިގައެވެ.
ޖަކާ އާސެނަލް ދޫކޮށްލާފައިވާ އިރު، އާސެނަލުން ދަނީ އަލަށް ކްލަބަށް ގެންނަ މިޑްފީލްޑަރު، އިންގްލެންޑްގެ ޑެކްލަން ރައިސް އިއުލާނުކުރަން ތައްޔާރުވެފައެވެ. 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއްގައި ރައިސް ގެންދަން އާސެނަލުން އެއްބަސްވެފައިވާ އިރު، އިތުބާރު ނޫސްތައް ބުނާގޮތުން ރައިސް މިއަދު އާސެނަލްގެ މެޑިކަލް ފުރިހަމަކުރާނެއެވެ. އަދި ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް، މިއަދު ނޫނީ މާދަމާ އާސެނަލުން ރައިސް އިއުލާނުކުރާނެ ކަމަށްވެސް ބެލެވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް