ގައުމީ 49 ވަނަ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހުސައިން ޒަޔާން ޝަހީދު ޒަކީ އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު ނަބީހާ އަބްދުރައްޒާގު ހޯދައިފިއެވެ.

ރޭ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލްތައް ކުޅެފައިވާ އިރު، ފިރިހެން ބައިގެ ފައިނަލުގައި ޒަޔާން ވާދަކުރީ އެންމެފަހުގެ ޗެމްޕިއަން ނިބާލް އަހުމަދާއެވެ. އެ މެޗު ސީދާ ދެ ސެޓުން ޒަޔާން ގެންދިޔަ އިރު، ސެޓުތައް ގެންދިޔައީ 21-13 އަދި 21-16 އިންނެވެ.

ނަބީހާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޭނާއާ އެއްމާބަނޑު ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ބަލިކޮށްގެންނެވެ. ނަބާހާއަކީ މިދިޔަ ތިން އަހަރުވެސް ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަނެވެ. އެ މެޗު ނަބީހާވެސް ސީދާ ދެ ސެޓުން ގެންގޮސްފައިވާ އިރު، އޭނާ ސެޓުތައް ގެންދިޔައީ 15-21 އަދި 20-22 އިންނެވެ.

ގައުމީ މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލުގައި މުހައްމަދު އަޖުފާން ރަޝީދާއި ނިބާލްގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޒަޔާނާއި އަހުމަދު ތޯއިފްގެ ޕެއާއެވެ. ފައިނަލުގެ ފުރަތަމަ ސެޓު 12-21 އިން އަޖުފާންއާއި ނިބާލް ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓު 21-16 އަދި 21-19 އިން ޒަޔާނާއި ތޯއިފް ވަނީ ކާމިޔާބުކޮށްފައެވެ.

އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާއާއި ނަބީހާގެ ޕެއާ ސީދާ ދެ ސެޓުން އައިޝަތު އަފްނާން ރަޝީދާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ބަލިކުރި އިރު، ސެޓުތައް ގެންދިޔައީ 21-16 އަދި 21-15 އިންނެވެ.

ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ނަބާހާއާއި ޒަޔާންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ނިބާލްއާއި ނަބީހާގެ ޕެއާ ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ނަބާހާއާއި ޒަޔާން ގެންދިޔައީ 21-15 އަދި 21-16 އިންނެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ހޯދީ އަލީ މުއާޒެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފިރުޝާނާ ނަސީރެވެ.