ހައްޖަށް ދިޔަ އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މަރުވެފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ދިޔަ ހއ.ކެލާ، ސީސާންގެ، އަލީ ގާސިމް (81އ) ކަމަށެވެ. އޭނާ މަރުވީ މަދީނާގެ ހޮޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.

މިއީ މިއަހަރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން މަރުވި ހަތަރުވަނަ ހައްޖުވެރިޔާއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހަކު މި މަހުގެ ދެ ވަނަ ދުވަހުވެސް މަރުވެފައިވެއެވެ. އެއީ ނ. ހޮޅުދޫ/ އުދަރެސް، ގާސިމް އިބްރާހީމް (ގާސިމްބެ) އެވެ. އޭނާވެސް މަރުވީ މަދީނާ ހޮޓަލުގައެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހުވެސް ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިޔަކު މަރުވެފައެވެ. އެއީ ދ. މާއެނބޫދޫ/ ފިޔާތޮށިގެ، އަލީ ހަސަން (72އ) އެވެ. އޭނާ މަރުވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މީގެ އިތުރުން މިދިޔަ ހުކުރު ދުވަހުވެސް ވަނީ ހައްޖުވެރިޔަކު މަރުވެފައެވެ. އެއީ ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު ނަސީމް (72އ) އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިންނެވެ.