ފެން ބިލުގެ ޖޫރިމަނާ މައާފުކުުރުމުގެ އިތުރު ޕްރޮގްރާމެއް ސަރުކާރުގެ ފެން ކުންފުނިން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފެށީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ އަބަދުވެސް އެ ކުންފުނީގެ އަމާޒަކަށްވާތީ ކަމަށެވެ.
އެގޮތުން މި އަހަރު ނިމެންދެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މައާފުކޮށްދޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަންޖެހޭ ޖުމުލަ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކުރުމަށްފަހު ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމުންނެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަމްބަރު 105 އަށް ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްލުމުން ލިބޭނެއެވެ.
ފެނާއި ނަރުދަމާގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކުމަކީ ވަރަށް ބޮޑު އެދުމެއްކަމުގައި ފާހަގަކޮށް، އެމްޑަބްލިޔުއެސްސީން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަންޖެހިފައިވާ ފައިސާ ދައްކައި ހަލާސްކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު